ޚަބަރު

"ޕޯޓަލްއަށް ހުށަހެޅި 1081 މައްސަލައިގެ ތެރެއިން 209 މައްސަލައެއް ވާނީ އޭސީސީއަށް ފޮނުވިފައި"


ދައުލަތުގެ މުވައްސަސާތަކުގައި އޮތް ކޮރަޕްޝަން މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޒީރޯ ޓޮލަރަނެސް ސިޔާސަތާއި އެކު ރިޕޯޓްކުރާ މައްސަލަތައް އިތުރުވެފައިވެފައިވާކަމަށާއި އެފަދަ މައްސަލަތަކުގައި ވަކި މަޤާމަކަށް ބެލުމެއްނެތި ފިޔަވަޅު އަޅުއްވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު ޤާއިމުކުރި ޕޯރޓަލްއަށް ހުށަހަޅާފައިވާ 1081 މައްސަލައިގެ ތެރެއިން 209 މައްސަލައެއް ވާނީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިކަމަށެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން، ކޮރަޕްޝަނާ ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި، ބޭއްވި ހަފްލާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއްކަމަށެވެ. ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް އަދި ޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު ޤާއިމްކުރި ޕޯރޓަލްއަށް މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާލިޔަސް ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މިބަލި ފެތުރިފައި އޮތްމިންވަރު ވަޒަންކުރެވޭކަމަށެވެ. މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅި 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށާ، މިނިވަން މުއައްސަސާތަކަށާއި ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އެމް.އެން.ޑީ.އެފަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"އޭގެތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭމައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ ވަބާ ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މިހާރު ގެނެވިފަިއވާ ޤާނޫނުތަކާއެކު ބޮޑެތި ބަދަލުތަކެއް އައިސް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ހިތްވަރު ލިބިފައިވާކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބައެއް ބޭފުޅުން އެބަވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅަންޖެހޭ ފިޔަވަޅުތައްވެސް އަންނަނީ އަޅަމުންކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުޞޫލުތައް ހަދައި ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މިއަހަރުގެ ފެބްރުއަރީ 23ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑްގެ މަސައްކަތްތައް މިހާރު ވަނީ ފެށާފައިކަމަށެވެ. އަދި ބިޑްކުރުމަކާނުލައި މަސައްކަތް ޙަވާލުކުރެވޭ ގޮތަށް، މާލިއްޔަތު ޤަވާޢިދުގައި އޮތް މާއްދާ އިޞްލާޙުކޮށް މިހާރު އަންނަނީ ޢަމަލު ކުރަމުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.