ޚަބަރު

ސިވިލް ސަރވިސް މުޢައްޒަފުންގެ ކެޓަގަރީން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފްތާގައި އިޢުލާންކުރަނީ


ސިވިލް ސަރވިސް މުޢައްޒަފުންގެ ކެޓަގަރީން ހިޔާ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު، އަންނަ ހަފްތާގައި އިޢުލާނުކުރުމަށް މަސައްކަތްކުރަމުންދާކަމަށް ފުލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކަށް މީހުން ހޮވުމުގެ މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ފުލެޓުތަކުގެ މައްސަލަބަލާ ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވީ މިހާތަނަށް ވަގުތީ ލިސްޓު އިޢުލާން ނުކުރެވިވަނީ ސިވިލް ސަރވިސް މުޢައްޒަފުންގެ ކެޓަގަރީން އެކަނިކަމަށެވެ. "ހިޔާ" މަޝްރޫޢުގެދަށުން ސިވިލް ސަރވިސް ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 1000ހައުސިންގ ޔުނިޓްއެވެ.

"މިހާރު ވަގުތީ ލިސްޓު އިޢުލާނު ނުކުރެވިވަނީ 1ކެޓަގަރީ، އެއީ ސިވިލް ސަރވިސް މުއައްޒިފުންނަށް ޚާއްސަ ކެޓަގަރީ. މަސައްކަތް ނިންމައި، މިބަލަނީ ފެށޭ ހަފްތާގައި ވަގުތީ ލިސްޓު އިޢުލާން ކުރެވޭނެކަމަށް. ކެޓަގަރީ ފޯމުތައް ދިރާސާކޮށް ވަގުތީ ލިސްޓު ފައިނަލް ކުރަމުންދަނީ". ކޮމިޓީގެ މެންބަރު ޠާހާ މުޙައްމަދު ވިދާޅުވިއެވެ.

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ލިސްޓު އަލުން ރިވިއުކުރަން މި ސަރުކާރުން ނިންމީ، 2018ވަނަ އަހަރު އިޢުލާނުކުރި ލިސްޓުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ކުރެވުނު ތުހުމަތު ތަކާއި ގުޅިގެންނެވެ. 12 ކެޓަގަރީއަކަށް ފްލެޓްތައް ބަހާލާފައިވާއިރު، ވާދަވެރިކޮށް 8 ކެޓަގަރީއަކުން ފްލެޓްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލިއެވެ.

ފްލެޓް ކޮމިޓީން ވިދާޅުވީ މިހާރު ކުރަމުންދަނީ، ވަގުތީ ލިސްޓުތަކަށް ލިބުނު ޝަކުވާތައް ރިވިއުކުރުމުގެ މަސައްކަތް ކަމަށެވެ.