ޚަބަރު

ޑްރޯން ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅެފި


ޑްރޯންތަކެއް ބޭނުންކޮށްގެން މާފުށީ ޖަލަށް ފޯނުތަކެއް ވައްދަން އުޅެފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި އިތުރު އެއްޗެހިތަކެއް ޕްރިޒަންސް އޮފިސަރުން ރޭގެ ވަގުތެއްގައި އަތުލައިގެންފައިވާކަމަށެވެ. އެގޮތުން އަތުލައިގެންފައިވަނީ 8 މޮބައިލް ފޯނާއި، 6 ޗާޖަރާއި ވައިފައި ރައިޓަރެއްގެ އިތުރުން ސިމްތަކަކާއި 2 ސިމް ކާޑުކަމަށް އަހުމަދު ވިދާޅުވިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް ގަވާއިދާ ޚިލާފަށް ގިނަ ޢަދަދެއްގެ ތަކެތި ޖަލަށް ވައްދަން އުޅޭނިކޮށް ޕްރިޒަންސް އޮފިސަރުން ވަނީ ހިފަހައްޓާފައެވެ. އެގޮތުން އެފަހަރު ވަނީ 15 ސްމާޓް ފޯނާއި 6 ފޯނާއި ދެ މިނީ ފޯނުގެ އިތުރުން ޗާޖަރު ކޭބަލްތަކަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ހިފަހައްޓާފައެވެ.

މާފުށީ ޖަލަށް ގަވާއިދާ ޚިލާފަށް ތަކެތި ވެއްދުން ހުއްޓުވުމަށް މާފުށީ ޕްރިޒަން އޮފިސަރުންނާއި މާފުށީ ފުލުހުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.