ވިޔަފާރި

ދުވާލަކު އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު 2000 އަށްވުރެ މައްޗަށް


އެވްރެޖްކޮށް މިހާރު ކޮންމެ ދުވަހަކު ރާއްޖެއަށް 2042 ފަތުރުވެރިން އަންނަ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް 19 އެއަރލައިންއަކުން ދަނީ ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. ރާއްޖެއަށް އަލުން ދަތުރުތައް ފަށާ އެއަރލައިންތައް އިތުރުވަމުންދާއިރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލި ޖުލައިމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 100 ފަތުރުވެރިންނެވެ. އަދި އޮގަސްޓުމަހު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު އައިސްފައިވަނީ 246 ފަތުރުވެރިންނެވެ. ސެޕްޓެމްބަރުމަހު ކޮންމެ ދުވަހަކު އެވްރެޖްކޮށް 318 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އޮކްޓޯބަރުމަހު މި އަދަދު ހުރީ 694ގައެވެ.

ނޮވެމްބަރުމަހު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 1192 ފަތުރުވެރިން އައިސްފައިވާއިރު، މިމަހުގެ މިހާތަނަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 2042 ފަތުރުވެރިން ރާއްޖެއަށް އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މިއަދަދުތަކާއެކު ރާއްޖެއަށް މިމަހުގެ ފުރަތަމަ 7 ދުވަސްތެރޭ ވަނީ 14296 ފަތުރުވެރިން އައިސްފައެވެ. މިދިޔަމަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 35759 އެވެ.

ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން މިމަހުގެ 7 ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 90437 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެޤައުމުން ރާއްޖެއަށް 19883 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. 12615 ފަތުރުވެރިންނާއެކު ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. އަދި ތިންވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 7416 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.