ވިޔަފާރި

ގަލްފް އެއަރއިން ރާއްޖެއަށް ފަށާ ދަތުރުތަކަށް ބޮޑު ތަރުޙީބެއް


ބަހްރެއިންގެ ޤައުމީ އެއަރލައިން، ގަލްފް އެއަރއިން ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

ގަލްފް އެއަރއިން ބުނީ ރާއްޖެއަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި އެއަރލައިންގެ ބޮއިންގ 787-9 ޑްރީމްލައިނަރ ބޭނުންކުރުމަށް ނިންމާފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 250 ސީޓުގެ މަތިންދާބޯޓެކެވެ.

ގަލްފް އެއަރއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ގަލްފް އެއަރއިން ވަނީ ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ބޭއްވުމަށް ނިންމާފައެވެ. މި ދަތުރުތައް ކުރާނީ ބަހްރެއިން އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

ގަލްފް އެއަރއިން މިހާރުވެސް ދަނީ މެދު އިރުމަތީގެ ގިނަ ޤައުމުތަކަކަށް ދަތުރުތައް ބާއްވަމުންނެވެ. އަދި ޔޫރަޕްގެ ބައެއް ޤައުމުތަކަށްވެސް މިހާރު ދަތުރުތައް ފަށާފައިވާއިރު، އިންޑިއާ އަދި ޕާކިސްތާންގެ ބައެއް ސިޓީތަކަށް ގަލްފް އެއަރގެ ދަތުރުތައް ވަނީ އަލުން ފަށާފައެވެ.

ގަލްފް އެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުއެވެ. އޭރު އެ އެއަރލައިނުން ދިޔައީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ބާއްވަމުންނެވެ. ކޯވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހު ވަނީ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާފައެވެ. މިއާއެކު ބައިނަލްއަޤްވާމީ އެއަރލައިންތަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ.

އަހަރުގެ ފަހުކޮޅަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ދުވަސްކޮޅެވެ. ކޯވިޑް-19 އާއި ގުޅިގެން ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވީނަމަވެސް މިހާރު އަނެއްކާވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. އަދި ރާއްޖެއަށް އޮންނަ ޑިމާންޑު ރަނގަޅުވުމުން ގިނަ އެއަރލައިންތަކަކުން ދަނީ ރާއްޖެއަށް ދަތުރުތައް ފަށަމުންނެވެ. އަދި ރާއްޖެއަށް މިހާރުވެސް އޮޕަރޭޓުކުރާ އެއަރލައިންތަކުން ދަނީ ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުން ކުރާ ފްލައިޓުތައް ޖާގަ ބޮޑެތި ފްލައިޓުތަކަށް ބަދަލުކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް 19 އެއަރލައިންއަކުން ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އަދި އަހަރުގެ ބާކީ އޮތް ދުވަސްތަކުގައި އިތުރު 7 އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ވަނީ ޝެޑިއުލްކޮށްފައެވެ.