ވިޔަފާރި

ގެސްޓް ހައުސްތައް އަލުން ހުޅުވުމުގައި އިތުރު ލުއިތަކެއް


މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތައް އަލުން ހުޅުވުމުގައި އަމަލުކުރަމުންދިޔަ އުސޫލަށް ބަދަލު ގެނެސް އިތުރު ލުއިތަކެއް ދީފިއެވެ.

އެގޮތުން މީގެ ކުރިން ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ހުޅުވުމަށް ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވި ނަމަވެސް މިހާރު ރަށު ކައުންސިލުގެ އިއުތިރާޒް ހޯދަން ނުޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތަށް ބަދަލު ގެނައި ނަމަވެސް އެ ޚިދުމަތްދޭ ތަންތަނާއި ރަށުގެ އާންމުން އަމަލުކުރަންޖެހޭ އުސޫލަށް ބަދަލު ގެނެސްފައެއް ނުވެއެވެ. މި އުސޫލަށް ގެނައި ބަދަލަށް އަމަލު ކުރަން ފަށާނީ މިމަހުގެ 15 ވަނަދުވަހުން ފެށިގެންނެވެ.

ޓުއަރިޒަމް މިނިސްޓްރީން ވަނީ ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމުގައި އަމަލުކުރަމުން އައި އުސޫލަށް ބަދަލުގެނެސް ސަރކިއުލާއެއް ނެރެފައެވެ.

ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެން ފަތުރުވެރިކަން އަލުން ހުޅުވާލާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 15 ވަނަދުވަހުން ފެށިގެންނެވެ. އަދި ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ އޮގަސްޓްމަހުގެ 15 ދުވަހުއެވެ. މި ހުއްދަތައް ދޭން ނިންމާފައިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކަކާއި އެކުގައެވެ.