ޚަބަރު

ވައި ސާފުވާން ފެށުމުން އިންޑޮނޭޝިއާގެ އެއާޕޯޓުތައް ހުޅުވަނީ


އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައިން ބޭރުވި އަޅީގެ ސަބަބުން ވައިގެ ނުސާފުވެ، ވައިގެ ދަތުރުފަތުރަށް ނުރައްކާވުމާ ގުޅިގެން ބަންދުކުރި އިންޑޮނޭޝިއާގެ މައި އެއާޕޯޓު ކަމުގައިވާ ޖަކާޓާގެ ސުކަރްނޯ-ހައްތާ އެއާޕޯޓާއި އިތުރު ހަތަރު އެއާޕޯޓެއް އަލުން ހުޅުވައިފިއެވެ. ޖާވާ އަދި ސުމަތުރާ ކަނޑުއޮޅީގެ މެދުގައި އޮންނަ މި ފަރުބަދަ ސެޕްޓެންބަރު 4 ވަނަ ދުވަހު ގޮވަން ފެށުމާއެކު، އަށް އެއާޕޯޓެއް ބަންދުކޮށް 340،000 އަށް ވުރެ ގިނަ ފަސިންޖަރުންގެ ދަތުރުތަކަށް ވަނީ އަސަރުކޮށްފައެވެ. އަލުން ހުޅުވި އެއާޕޯޓުތަކުގެ ތެރޭގައި ޖަކާޓާގެ ކުޑަ އެއާޕޯޓަކާއި ބަންޑުންގގެ އެއާޕޯޓު ހިމެނެއެވެ.

ވައިބާރުވެ، ވައިގެ ތެރެއަށް ފެތުރިފައިވާ އަޅިތައް ސާފުވާން ފަށާފައިވީ ނަމަވެސް، އެއާޕޯޓުގައި ތާށިވި 178 މަތިންދާބޯޓު ދަތުރުކުރުމަށް އެކަށީގެންވޭތޯ ބަލަން ވަގުތު ބޭނުންވާނެ ކަމުގައި އިންޑޮނޭޝިއާގެ ދަތުރުފަތުރާ ބެހޭ ވަޒީރު ޑޫޑީ ޕުރްވަގަންދީ ވިދާޅުވިއެވެ. ދަތުރުތައް ކެންސަލްވުމާއި، މަގު ބަދަލުކުރުމުގެ ތެލުގެ ޚަރަދާއި، ފަޅުވެރިންގެ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން އެއާލައިންތަކަށް ދުވާލަކު 1 މިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުން ވެދާނެ ކަމުގައި އިންޑޮނޭޝިއާ ނޭޝަނަލް އެއާ ކެރިއާސް އެސޯސިއޭޝަންގެ (އައިއެންސީއޭ) ސެކްރެޓަރީ ޖެނެރަލް ބާޔޫ ސުތާންތޯ ހާމަކުރެއްވިއެވެ. އެންމެ ބޯޓެއް ލަސްވިޔަސް، އެ ބޯޓުން ދެން ކުރާ ތިން ނުވަތަ ހަތަރު ދަތުރަށް އަސަރުކުރާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ހެނދުނު އަނަކް ކްރަކަތައޮ އަނެއްކާ ވެސް ތިން ފަހަރަށް ގޮވާފައިވާ ކަމުގައި އިންޑޮނޭޝިއާގެ އަލިފާން ފަރުބަދަތައް މޮނިޓަރުކުރާ އިދާރާއިން ހާމަކުރިއެވެ. ކުރީގެ ގޮވުންތަކަށް ވުރެ މި ފަހަރުގެ ގޮވުންތައް ކުޑަ ނަމަވެސް، އަޅި ބުރައިގެންދިޔަ އުސްމިނަށާއި ވައިގެ މިސްރާބަށް ބަލައި ވައިގެ ދަތުރުތަކަށް އަދިވެސް ބުރޫއަރާފާނެ ކަމުގައި އެ އިދާރާއިން އިންޒާރުދެއެވެ. އިންޑޮނޭޝިއާގެ ޖިއޮލޮޖިކަލް އޭޖެންސީގެ ވެރިޔާ ލަނާ ސާރިޔާ ވިދާޅުވީ، ކުރީގެ ގޮވުންތަކާ އަޅައިބަލާއިރު މީގެ އަސަރު އަދި ކުޑަ ނަމަވެސް ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމުގައެވެ.

އަނަކް ކްރަކަތައޮ އަލިފާން ފަރުބަދައަކީ ބިންހެލުންތައް ގިނަ 'ޕެސިފިކް ރިންގް އޮފް ފަޔަރ' ގައި އޮންނަ އިންޑޮނޭޝިއާގެ ހަރަކާތްތެރި 130 އަލިފާން ފަރުބަދައިގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ފަރުބަދައެކެވެ. އަނަކް ކްރަކަތައޮ ގޮވަންފެށުމާއެކު، ޖާވާގެ އިރުމަތީގައިވާ އިތުރު ދެ އަލިފާން ފަރުބަދައެއް ގޮވާފައިވާ ކަމުގައި ވެސް އިންޑޮނޭޝިއާގެ އިދާރާތަކުން ހާމަކުރިއެވެ. އަނަކް ކްރަކަތައޮއަކީ 1883 ވަނަ އަހަރު އުފެދުނު އަލިފާން ފަރުބަދައެކެވެ. އޭގެ ކުރިން އެ ސަރަޙައްދުގައި ހުރި 'ކްރަކަތައޮ' ގެ ނަންދީފައިވާ މައި އަލިފާން ފަރުބަދަ ގޮވައި، ފުނޑުފުނޑުވި ހާދިސާއާ ގުޅިގެން އުފެދުނު ސުނާމީއެއްގައި 36،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ.