ޚަބަރު

އައިފޯނަށް ޚާއްސަ "އާސަންދަ" މޮބައިލް އެޕްލިކޭޝަން ތަޢާރަފްކޮށްފި


އާސަންދަ ސްކީމްގެ ޚިދުމަތްތައް ހޯދާ ދިވެހިންނަށް ޚާއްސަކޮށްގެން "އާސަންދަ" މޮބައިލް އެޕްލިކޭޝަންގެ އައިފޯނުތަކަށް ޚާއްސަ ވަރޝަން ތަޢާރަފްކޮށްފިއެވެ.

އާސަންދަ ކުންފުނިން ބުނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މި އެޕްގައި ރަޖިސްޓަރވެވޭނެކަމަށެވެ. އެޕް ޑައުންލޯޑްކޮށް ރެޖިސްޓަރވުމުން، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން އާސަންދައިގެ އައު އޮންލައިން ޕޯޓަލް "ވިނަވި" ބޭނުންކުރާ ހުރިހާ ތަނަކުން، އެމީހަކު ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އެޕްލިކޭޝަނުން ފެންނަން ހުންނާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން ޑޮކްޓަރުން ލިޔެދެއްވާ އީ-ޕްރިސްކްރިޕްޝަން ނުވަތަ އިލެކްޓްރޯނިކް ބޭސް ސިޓީތައްވެސް އެޕް މެދުވެރިކޮށް ބަލާލެވޭނެކަމަށާއި ނުހޯދާ ޚިދުމަތެއް ލިސްޓްކޮށްފައި ވާނަމަ އެޕް މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުން އެކަން ތަޙުޤީޤުކުރާނެކަމަށްވެސް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ މި އެޕްލިކޭޝަން ތަޢާރަފްކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ އާސަންދަ ސްކީމްގެ ކަންކަން ވީހާވެސް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުންކަމަށެވެ.

މި އެޕްލިކޭޝަންގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުވާނީ، އާސަންދަ ސްކީމްގެ ޚިދުމަތްދޭ އެންމެހާ ތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު ފެންނަން ހުރުމުންކަމަށް އާސަންދައިން ވިދާޅުވެއެވެ. އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ބައެއް ތަންތަނުގައި "ވިނަވި" ޕޯޓަލް އަދި ބޭނުންކުރަން ނުފަށާތީ، އެތަންތަނުން ހޯދާ ޚިދުމަތްތަކުގެ ތަފްޞީލު އާސަންދަ އެޕްލިކޭޝަނުން ފެންނަން ނުހުންނާނެކަން އެކުންފުނިން ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް، އަވަސް މުސްތަޤުބަލެއްގައި އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ތަނެއްގައި "ވިނަވި" ޕޯޓަލް ބޭނުންކުރަން ފަށައި، އާސަންދަ ސްކީމްގެ ދަށުން ރައްޔިތުމީހާ ހޯދާ ހުރިހާ ޚިދުމަތެއްގެ ތަފްޞީލު، އަތުގައި އޮންނަ މޯބައިލް ފޯނުން ބަލައިލެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

އާސަންދަ ސްކީމްގެ ޚިދުމަތްތައް ހޯދާ ދިވެހިންނަށް ޚައްސަކޮށްގެން 'އާސަންދަ' އެޕްލިކޭޝަންގެ އެންޑްރޮއިޑް ވަރޝަން ތަޢާރަފްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.