ޚަބަރު

ކުލަބް ވޯލްޑްކަޕް ފަސްކޮށްފި


އާ ފޯމެޓަކަށް 24 ޓީމު ބައިވެރިކޮށްގެން ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕް ފެށުން މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ފީފާ އިން ބުނެފިއެވެ.

ފީފާ ކައުންސިލުން ވަނީ އަންނަ ސީޒަނުގެ ކްލަބް ވޯލްޑް ކަޕް ޖަޕާނުގައި ޑިސެމްބަރު މަސް ތެރޭ މިހާރު ވެސް ބާއްވަމުން އަންނަ ފޯމެޓަށް ކުރިއަށް ގެންދަން ނިންމައިފައެވެ. އާ ފޯމެޓާ އެކު ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޔޫރަޕްގެ 8 ޓީމު ކުޅޭނެއެވެ. ދެކުނު އެމެރިކާ އަށް 6 ޖާގަ ދީފައިވާއިރު، އުތުރު އެމެރިކާ، އޭޝިއާ، އެފްރިކާ އަދި ސެންޓްރަލް/ އުތުރު އެމެރިކާ އިން ކޮންމެ ބައްރަކުން 3 ޓީމުގެ އިތުރުން އޯޝެނިއާ އިން 1 ޓީމު ކުޅޭނެއެވެ.

މިހާރު އާދައިގެ ގޮތަކަށް، 6 ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ 1 ޓީމު ކުޅޭގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރު އަހަރަކުން 1 އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. މީގެ 20 އަހަރު ކުރިން 2000 ވަނަ އަހަރު ބާއްވަން ފެށި ކްލަބް ވޯލްޑް ކަޕް މީގެ ކުރިން އަށް ފަހަރެއްގެ މަތިން ވަނީ ޖަޕާނުގައި ބާއްވާފައެވެ. އެންމެ ފަހުން ޖަޕާނުގައި ބޭއްވީ 2016 ވަނަ އަހަރުގައެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގައެވެ.

ކޮވިޑް-19 އާ ހެދި ފީފާ އިން މި ފަހަރުގެ ކްލަބް ވޯލްޑް ކަޕް ޑިސެމްބަރު މަހުގައި ނުބާއްވައި މިމުބާރާތް ބާއްވަން މިހާރު ނިންމާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހު 1 އިން 11 އަށެވެ.