ޚަބަރު

އޮކްޓޯބަރުން ޑިސެމްބަރަށް އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުމަށް ހުޅުވާލައިފި


އިންކަމް ސަޕޯޓް އެލަވަންސްދިނުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ އެލަވަންސް ހޯދުމުގެ 3ވަނަ ބުރެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، މި ބުރުގައި އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުމަހު އަމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެލަވަންސް ދިނުމަށް ނިންމާފައިވާކަމަށެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއިގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި އެލަވަންސް ދޫކުރަމުންދަނީ އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރު މެދުވެރިކޮށެވެ. މިނިސްްޓްރީއިން މިހާރުވަނީ އޮކްރޯބަރު އަދި ނޮވެމްބަރު މަހުގެ އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ދެ މަހުގެ އެލަވަންސްއަށް އެދުމަށް ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މި ހިނގާ ޑިސެމްބަރު މަހުގެ 31ވަނަ ދުވަހެވެ.

ޑިސެމްބަރު މަހަށްވެސް އެލަވަންސް ދޫކުރުމަށް ނިންމާފައިވާއިރު، ޑިސެމްބަރު މަހުގެ އެލަވަންސްއަށް އެދި ފޯމު ހުށައެޅޭނީ 10ޖެނުއަރީން ފެށިގެން 31 ޖެނުއަރީގެ ނިޔަލަށެވެ. އިންކަމް ސަޕޯޓް އެލަވަންސްއަށް އެދުމަށް ޝަރުތު ހަމަވަނީ 1ޑިސެންބަރު 2019އިން ފަށައިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

އިނަކަމް ސަޕޯޓް އެލަވަންސްއަށް އެދެން ޖެހެނީ jobcenter.mv ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިން ފޯމަކުންނެވެ. އެގޮތުން އީފާސްގައި ރެޖިސްޓަރ ވުމާއި، އެޕްލިކޭޝަން ހުށައެޅުމާއިގުޅޭ ތަފްސީލް ޖޮބްސެންޓަރގެ ވެބްސައިޓުން ލިބޭނެއެވެ.

އެލަވަންސް ދިނުން މިހާތަނަށް ދެ ބުރަކަށް ބަހާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.. 2ވަނަ ބުރުގެދަށުން ޖުލައި، އޮގަސްޓް، ސެޕްޓެމްބަރު މަހުގެ އެލަވަންސްއަށް ހުށައަޅާގައިވާ އެޕްލިކޭޝަނަށް އިތުރު ލިޔެކިޔުން ހުށައެޅުމުގެ ވަގުތު 12ޑިސެމްބަރަށް ހަމަވާނެކަމަށް އިކޮނިމިކް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ. ފުރަތަމަ ބުރުގައި އެލަވަންސް ދޫކޮށްފައިވަނީ އޭޕްރިލް، މެއި، ޖޫން މަހު އާމްދަނިއަށް އަސަރުކުރި މީހުންނަށެވެ.

މިދިޔަ މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 129މިލިއަން ރުފިޔާ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. އެއީ 11ހާހަށްވުރެ ގިނަ މީހުންނެވެ. މިދިޔަމަހުގެ އެ މުއްދަތާއި ހަމައަށް 30،000އަށްވުރެ ގިނަ މީހުން އެލަވަންސްއަށް އެދި ހުށައަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް ސަރުކާރުން ދޫކުރާ އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއިއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.