ޚަބަރު

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ހުށައެޅި އިޞްލާހު ފާސްކޮށްފި


ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށް ދިގު މުއްދަތަކަށް ކުއްޔަށްދީގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް، ޓޫރިޒަމްގެ ޤާނޫނަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށައަޅުއްވައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާ މި އިޞްލާހުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާޤުންނެވެ.

ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ހުށައެޅި މި ބިލަކީ ދިވެހިރާއްޖޭގައި ޓޫރިޒަމް ތަރައްޤީކުރާނެ ސަރަޙައްދުތަކާއި ރަށްރަށް ކަނޑައެޅުމާއި، ޓޫރިސްޓް ރިސޯޓު ހެދުމަށް ރަށްރަށް ދޫކުރުމާއި، ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ހެދުމަށް ބިން ދޫކުރުމެވެ. އަދި ޔޮޓް ބަނދަރު ހެދުމަށް ތަންތަން ދޫކުރުމާއި، އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކާއި ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ތަރައްޤީކުރުމަށާއި ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ބިން ދޫކުރުމާއި، އެނޫންވެސް ފަތުރުވެރިކަމުގެ އެކި ވިޔަފާރިތަކުން ދައުލަތަށް އާމްދަނީ އިތުރުކުރުމަކީ މި ބިލުގެ މަޤްޞަދެވެ.

ޖުމްލަ 20 އިޞްލާހު ހިމެނޭ މި ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްޤީކޮށްގެން ބޮޑު އާމްދަނިއެއް ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ. ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ފަޅު ހިއްކައިގެން ތަރައްގީކުރާ ސަރަހައްދުތަކުން، ބިމު ކުލީގެ ގޮތުގައި އަކަ މީޓަރަކަށް އެއް ޑޮލަރު ލިބޭގޮތަށް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ. ޕްރައިވެޓް އައިލެންޑް ތަރައްޤީކުރުމަށް ދޫކުރާނީ މިހާރު ހުރި ރަށްތައް ނޫންކަމަށާއި، އެއީ ފަޅުން ބައެއް ބޭނުންކޮށްގެން ހިންގޭ މަޝްރޫޢުއެއްކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. ޕްރައިވެޓް އައިލެންޑް ތަރައްްޤީކޮށްގެން އެކުއިޒިޝަން ފީގެ ގޮތުގައި މަދުވެގެން 15 މިލިއަން ޑޮލަރު ލިބޭނެކަމަށް ލަފާކުރެވޭކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކުމަށްވެސް މި ބިލުގައިވާގޮތުން ފުރުޞަތު ލިބޭނެއެވެ. އަދި ރިސޯޓު ތަރައްގީކުރުމަށް މިހާރު ދޫކޮށް ރިސޯޓް ނުހެދި ހުރި ރަށްތައްވެސް ތަރައްޤީކުރުމަށް މި ބިލުން ވަނީ ބާރު އަޅާފައެވެ. މިބިލުގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވާނީ ލާމަރުކަޒީ އުސޫލުން ލޯކަލް ކައުންސިލްތައް ފަތުރުވެރިކަމުގައި ހިއްސާވެ ބައިވެރި ކުުރުމަށެވެ. އެގޮތުން ރަށްރަށުން ލޭންޑް ޔޫސް ޕްލޭނުގައި ހިމަނައިގެން ފަތުރުވެރިކަމަށް ބިން ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެންދާނެއެވެ. މިއަދު ފާސްކުރި މިބިލުގައި ހިމަނާފައިވާ ރިއަލް އެސްޓޭޓް ޓޫރިޒަމުން އަންނަ އަހަރު 154.2 މިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.