ޚަބަރު

އޭދަފުށި ކުނީގެ މައްސަލަ : މޫދަށް އެޅި ކުނި ގަސް ކާނާއަށް


ބ.އޭދަފުށްޓަކީ އާބާދީގެ ނިސްބަތުން ބަލާއިރު ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަށެކެވެ. ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްގޮތަށް މިރަށަކީވެސް ކުނި ނައްތާލުމުގައި ގޮންޖެހުންތަކެއް އޮތްރަށެކެވެ. ކުނި އުކުމުގައި ހަމައެއް ލަމައެއް މި ރަށަކު ނެތޭ ބުނުން ދޮގޮކަށް ނުވާނެއެވެ.

އޭދަފުށީގައި ދުވާލެއްގެ މައްޗައް 2.5 ޓަނުގެ މުނިސިޕަލް ކުނި އުފެދޭކަމަށް މިކަންކަން ދިރާސާ ކުރާފަރާތްތަކުން ބުނެއެވެ. މި ކުނިތަކުގެ ތެރެއިން ބަދިގޭގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ނައްތާލެވޭނެ އެއްވެސް ގޮތެއްނެތުމުން އުކާލަނީ މޫދަށެވެ.

މިރަށު ކައުންސިލުގެ ބެލުމުގެ ދަށުން ކުނިއުކުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރު އެޅި އާ ކުނިކޮށްޓާއެކު، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ ޕްލޭންއަކާއެކުއެވެ. ކުނި އުކުމަށާއި ނެގުމަށް އުސޭލެއް ހަދައި އާންމުކޮށް އެ އުސޫލަށް އަމަލު ކުރަންފެށީ ރައްޔިތުންގެވެސް ތާއީދާ އެކުއެވެ.

ކުނި އުކުމުގެ މަސައްކަތް ޕްލޭންއަކާއެކު ފެށިނަމަވެސް އެކަން ކާމިޔާބުކަމާއެކީ ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ. ސަބަބެއްކަމަށް ބުނަމުންދިޔައީ، ކައުންސިލުން ކުނި ނެގުމުގައި އަމަލު ކުރަމުންދާ އުސޫލުގައި މައްސަލަތަކެއް ހުރުމުންކަމަށް ރައްޔިތުން ބުނެއެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްޜަޙްމާން ވިދާޅުވީ، ކުނި އުކުމުގައި ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް އަމަލު ކުރަމުން ނުދާތީ، އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ކުނިއުކުމަށް ރައްޔިތުންނަށް އެތައްފަހަރަކު އަންގާފައި ވާނެކަމަށެވެ.

އެ އުސޫލު ބުނާގޮތުން ކައުންސިލްގައި ރަޖިސްޓްރީނުކޮށްވެސް ކުނި އުކޭނެއެވެ. އެކަމަކު އެއީ ކަނޑައަޅާފައި އޮންނަ ވަކި ގަޑިތަކެއްގައެވެ. އެކަމަކު އޭދަފުށްޓަކީ މަސްވެރިރަށެއްކަމުން މަސްކަނޑާފައި ހުންނަ އެއްޗެހި މޫދަށް އުކާލުމުގެ ހުއްދަ މިއުސޫލުގެ ދަށުން ވަނީ ދީފައެވެ. ނަމަވެސް މިކަމުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުންދާކަމަށް ތޮލާލް ވިދާޅުވިއެވެ. އެގޮތުން މަސްކަނޑާފައި ހުންނަ އެއްޗެއްސާއެކު ގޭގައި އުފެދޭ އެހެން ހުރިހާ ކުންޏެއްވެސް މޫދަށް އުކާތީ، ތޮލާލް ވަނީ ކަންބޮޑުުވުން ފާޅުކޮށްފައެވެ.

ތޮލާލް ވިދާޅުވީ، ފަނާވާ ޒާތުގެ ކުނި މޫދަށް އަޅަނީ ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްވެފައި ނެތުމުންކަމަށާ، މިބާވަތުގެ ކުނި މޫދަށް އަޅާއިރު ޕްލާސްޓިކް ކޮތަޅާ ފަނާ ނުވާ ޒާތުގެ ތަކެތި ނާޅާކަމަށެވެ.

ކައުންސިލުން މިހެން ބުނިނަމަވެސް ގެތަކުން ނަގާ ކުނި ޑަސްބިންތަކުގައި ކޮތަޅާ ފަނާނުވާ ޒާތުގެ ޕްލާސްޓިކް ގިނަ އަދަދަކަށް ހުންނަކަން ވަނީ ފާހަގަވެފައެވެ.

އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވީ ކުނި އުކުމަށާ ނެގުމަށް ކައުންސިލުން ހަދާފައިވާ ޤަވާއިދުގައި ޕްލާސްޓިކް ކޮތަޅު ފަދަތަކެތި ފަނާވާ އަދި ކުނިވާ ޒާތުގެ ތަކެތި އަޅާ ޑަސްބިންތަކަށް ނޭޅުމަށް އަންގާފައިވާކަމަށެވެ. އެހެންނަމަވެސް މިކަން މިއަދާ ހަމައަށް އައިއިރުވެސް ހައްލުނުވެ އޮތުން އެއީ ރައްޔިތުން ހޭލުންތެރިކަން ކުޑަވުމުން ދިމާވާކަމެއްކަމަށް ތޮލާލް ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން ތަފާތު މައްސަލަތަކެއް ފެންމަތިވި، އެކަމު އަޅުގަނޑުމެން ކުނި ނަގާ މީހުން ޑަސްބިންތަކަށް އަތްކޮށްޕައިގެން އެކަން ކުރުން އެއީ ސިއްޚީ ގޮތުން ބަލާނަމަ އޮތް ނުރައްކަލެއް. މިކަންކަން ހުއްޓުވޭނީ ސަރުކާރުން ކުނި ނައްތާލުމުގެ ހަރުދަނާ ކަންތަކެއްކޮށްގެން. މި ރަށުގައި މިހާރު ހަދާފައިހުރި ކުނިކޮށި މިހާރުވަނީ ހަލާކުވެފައި. އެތަން މަރާމާތުކޮށް ރަގަޅު ވަސީލަތް ލިބިގެން ނޫނީ މިކަން ހައްލުކުރެވޭނެކަމަކަށް ނުދެކެން" އެރަށު ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވިއެވެ.

ރައްކާތެރި ގޮތެއްގައި ކުނި ނައްތާނުލާތީ ރައްޔިތުންގެ ކަންބޮޑުވުންތައްވެސް އެބަހުއްޓެވެ. ސަރުކާރުގެ ސަމާލުކަމަށްވެސް މިކަންކަން ގޮސްފައި އެބަހުއްޓެވެ. ޤާނޫނުތަކުގައިވާ ގޮތުން ޕްލާސްޓިކް ކޮތަޅާއި ފަނާ ނުވާ ޒާތުގެ އެއްވެސް ކުންޏެއް މޫދަށް އެޅުމަކީ މަނާކަމެވެ.

ދެން އޮތީ ފަނާނުވާ ޒާތުގެ ކުނި ނައްތާލުމުގައި ހުރި ގޮންޖެމެވެ. މިކަން ހައްލު ކުރުމަށް ކައުންސިލުން ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. އެގޮތުން 2017 ވަނަ އަހަރު ވެމްކޯއާއެކު އެއްބަސްވުމެއް ހަދައި މިގޮތައް ހުރި ކުނި ބޭރުކުރުމަށް މަސައްކަތްތަކެއް ފެށިއެވެ. ވެމްކޯއިން ފަނާ ނުވާ ޒާތުގެ ކުނީގެގޮތުގައި ނަގަނީ ހަމައެކަނި ދަގަނޑުގެ ބާވަތްކަމަށާ، ބައެއްފަހަރު ދަޅު ފުޅިވެސް ނަގާކަމަށް ކައުންސިލުން ބުނެއެވެ.

"މީގެ ދެއަހަރެއްހާދުވަސް ކުނި ވެމްކޯއާ އާއެކު އެއްބަސްވުމެއް ހެދިން މިގޮތަށް ހުންނަ ކުނި ރަށުން ބޭރުކުރުމަށް، އެގޮތުން ދަނގަޑުގެ ބާވަތްތަކާ، ބިއްލޫރި ފަދަ ތަކެތި ވަނީ މިމަސައްކަތުގެ ދަށުން ބޭރު ކުރެވިފައި އެހެން ނަމަވެސް ފަރުބަދައެހެން ހުރި ކުނި ފުނި ބެރުކުރެވިގެން ނޫނީ ހައްލު ލިބިގެންދާނެކަމަކަށް ގަބޫލެއް ނުކުރަން. އެއީ އެހެން ހުރީމާ އާންމުންގޮސް މިއަޅާލަނީ އެތަނަށް ކުނިތައް، ސާފުކޮށްރީތިކޮށް އޮތީމާ ކުނި އަޅާކަށް ނުކެރޭނެ ރައްޔިތުންނަކަށް" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ސަމާލުކަމަށް އޭދަފުށީގެ ކުނީގެ މައްސަލަ އައުމާއެކު، އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

އެންވަޔަރުމަންޓް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ކްލީން އެންވަޔަރުމަންޓް ބުނީ އޭދަފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެރަށުގައި ހުރި ކުނިކޮށި މަރާމާތުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ކުނިކޮށި މަރާމާތު ކުރުމަށް ނިންމީ މިހާރު އަޅާފައިވާ ކުނިކޮށި ހަލާކުވުމުންނާ، އޭދަފުށީގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލެވޭނެ ރަނގަޅު ވަސީލަތް ނެތުމުންނެވެ. އެރަށުގައި މިހާރު ހުރި ކުނިކޮށި މޫދު ކައިރީގައި ހުރުމުން ލޮނުގެ އަސަރުކޮށްގެން ވަށާ ޖަހާފައިވާ ފެންސު ވެއްޓި ދަނގަޑު ޓިނުތައް ދަބަރު ޖަހައިގެން ވަނީ ހަލާކުވެފައެވެ.

މިހުރިހާކަމަކަށް ބެލުމަށްފަހު މިކުނިކޮށި މަރާމާތުކޮށް ނިމިގެން ދާއިރު ކުނި ނައްތާލުމަށް ބޭނުންކުރާނެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށާ އޭގެތެރެއިން ފަނާވާ ޒާތުގެ ކުނިވާ ތަކެތި ކޮންޕޯސްޓް ކުރުމަށް ހާއްސަ މެޝިނެއް ބަހައްޓާނެކަމަށް މޯލްޑިވްސް ކްލީން އެންވަޔަރުމަންޓުން ބުނެއެވެ. އެހެންކަމުން މިހާރު މޫދަށް އަޅަމުން ދިޔަ ކުނިތައް ކޮމްޕޯސްކޮށް ގަސްކާނާގެ ގޮތުގައި ބޭނުން ކުރެވޭނެކަމަށްވެސް މޯލްޑިވްސް ކްލީން އެންވަޔަރުމަންޓުން ބުނެއެވެ.

ބ.އޭދަފުއްޓަށް ދިމާވެފައިއޮތް ކުނީގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއު އަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް މެދުވެރިކޮށް، އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އޮސޯސިއޭޝަން - ވާރލްޑް ބޭންކުގެ ހިލޭ އެހީގައި ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުން ކުރިއަށްގެންދާ މަސައްކަތެވެ.