ޚަބަރު

ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގެ މުއާހަދާ ބައިވެރިވުމަށް މަޖިލީހުން ރުހުންދީފަ


ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް "ޗާޓަރ އޮފް ދަ ކޯލިޝަން ފޮރ ޑިޒާސްޓަރ ރެޒިލިއަންޓް އިންފްރާސްޓްރަކްޗަރ" (ސީ.ޑީ.އާރް.އައި)ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މި މުޢާހަދާގައި ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. މުއާހަދާގައި ބައިވެރިވުމަށް މަޖިލީހުން ރުހުން ދީފައިވަނީ 58 މެމްބަރުންގެ ވޯޓުންނެވެ. ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ބައިވެރިވުމަށް ނިންމެވި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްޤީ ކަށަވަރުކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ޤައުމުތަކުގެ އުމްރާނީ ތަރައްޤީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ޤައުމުތަކާއި، އ.ދ.ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޕާޓްނަރޝިޕެކެވެ.

މިކޯލިޝަންގެ އަމާޒުތަކާ، ޑިޒާސްޓަރ ރެޒިލިއެންޓް އިންފްރާސްޓްރަކްޗަރއަށް އިންވެސްޓްކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައިވާތީއާއި، މިޗާޓަރަކީ އިންޑިއާގެ އިސްނެންގެވުމެއް ކަމުގައިވާތީ، ދިވެހިރާއްޖެއިން ވަނީ މިކޯލިޝަނަށް ތާއީދުކޮށް އދ.ގެ 74ވަނަ ޢާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވާފައެވެ.

މި ޗާޓަރުގެ މައިގަނޑު މަޤްސަދަކީ، ޢުމްރާނީ ވަސީލަތްތަކަށް ކާރިޘާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްޤީކުރުމާއި، މިހާރުވެސް ޤާއިމްވެފައި ހުރި އެފަދަ ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ. އަދި މި ޗާޓަރުގެ މަޤްސަދުތަކާއި، ތަސައްވުރާއި، ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި، ސެންޑައި ފްރޭމްވޯކް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި، އދ.ގެ އެޖެންޑާ 2030ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށެވެ.

މިޗާޓަރުގެ ތެރެއިން، ކާރިޘާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ޤާބިލްކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެއެވެ.