ސިޔާސީ

ލޯންޗުކޮޅަށް ދެވުނު ޙަމަލާއާއި ގުޅުމެއްނެތް - އަދީބު


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ގުޅުމެއް އޮތްކަމަށް ފެތުރެމުންދާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ. ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ޕީޕީއެމްގެ އެއް ނައިބު ލީޑަރު އަހުމަދު އަދީބު ވިދާޅުވީ، ޤައުމުގައި މިހާރު ހިނގާ ކޮންމެ ކަމެއްވެސް އެމަނިކުފާނާއި ގުޅުވަން ބަޔަކު މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސިޔާސީ މައިދާނުގައި އަބަދު ވެސް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ފަހަތްޕުޅުގައި އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގައި ސާބިތުވެ ހުންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ. ރަސްމީ ލޯންޗު ކޮޅުގައި ހިނގާދިޔަ ހާދިސާއާއި ގުޅިގެން ޤައުމީ ސަލާމަތީ ބާރާއިމެދު އިތުބާރު އޮތްތޯ ދެންނެވި ސުވާލަށް ޖަވާބުދެއްވާ ނައިބުރައީސް ވިދާޅުވީ ކޮންމެ މުޢައްސަސާއެއް ގައިވެސް ނުރަނގަޅު ކަމެއް ހިގާފާނެކަމަށެވެ. އަދި އެފަދަކަންކަމަކީ މުޅި މުއައްސަސާ ޒިންމާ ވާންޖެހޭ ކަމެއްކަމުގައި ނުދެކޭކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ފުރިހަމަ އިތުބާރު ސަލާމަތީ ބާރުތަކަށް އެބައޮތް ކަމަށެވެ.(ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް)އަދީބު ވިދާޅުވީ މިއީ ރައީސްގެ ލޯންޗުކޮޅަށް ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރު ނޫން ކަމަށާއި ކުރިންވެސް އެލޯންޗުކޮޅު ހުއްޓުވުމަށް އިންޖީނަށް ހަކުރުއެޅި މައްސަލައެއް ފާހަގަ ކުރެވުނު ކަމަށެވެ. ރަސްމީ ލޯންޗުކޮޅުގައި ދެވުނު ހަމަލާއަކީ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ދެވުނު ހަމަލާއެއް ކަމަށް ސަރުކާރުން ހާމަކުރައްވާފައި ވާއިރު އެޢަމަލު ހިންގި ބަޔަކު އިންސާފުގެ ކުރިމައްޗަށް ހާޒިރުކުރުމަށް ގޮވާލައި ޕީޕީއެމްގެ ނައިބު ލީޑަރު ޢަބްދުއްރަހީމް ޢަބްދުﷲ ވެސްވަނީ އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާފައެވެ.