ޚަބަރު

ފުލުހުންގެ ބައެއް މަޤާމުތައް އަލުން ޢައްޔަންކޮށް، ބޮޑެތި ބަދަލުތަކާއެކު ފުލުހުންގެ ބިލު ފާސްކޮށްފި


ފުލުހުންގެ ބައެއް މަޤާމުތައް އަލުން ޢައްޔަންކުރާގޮތަށް ކަނޑައަޅައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިރޭ ބިލު ފަސްކޮށްފައިވަނީ ކޮމިޓީ މަރުޙަލާގައި ކުރެއްވި ގިނަ މަސައްކަތަކަށްފަހު އެކުލަވާލި ރިޕޯޓް ތަޅުމަށް އިއްވައި، މިރޭ ނެގި ވޯޓުންނެވެ. ކޮމިޓީ މަރުހަލާއިން ފޮނުވާފައިވާ ބިލަށް ބައެއް މެމްބަރުން ހުށަހެޅުއްވި އިސްލާހުތަކާއެކު މިރޭ ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެމްބަރުންގެ ވޯޓުންނެވެ.

ސަބް ކޮމިޓީ މަރުޙަލާގައި ބިލާއިމެދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ކަމިޝަނާ އޮފް ޕޮލިސްއާއި ހޯމް މިނިސްޓަރާއި ބައްދަލުކޮށް އެބޭފުޅުންގެ މަޝްވަރާވެސް ބިލުގައި ހިމަނާފައިވާނެކަމަށް ކޮމިޓީގެ މުޤައްރިރު މުޙައްމައްމަދު އަސްލަމް ވިދާޅުވިއެވެ. އަދި ރައީސާއެކު ބޭއްވި ބައްދަލުވުމުގައި 8 ކަމަކަށް މަޝްވަރާ ކޮށްފައިވާކަމަށެވެ.

މަޖިލީހުން މިރޭ ފާސްކުރި ފުލުހުންގެ ބިލާއެކު ލާމަރުކަޒީ އުސޫލުން ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް ހިންގުމަށްވަނީ ވަރަށް ފުޅާދާއިރާއެއްގައި ފުރުސަތު ދެއްވާފައެވެ. އަދި 7 މެމްބަރުންގެ ފުލުހުންގެ ބޯޑެއް އެކުލަވާލަން ޖެހެއެވެ. 5 މެމްބަރުންގެ އިސްތިއުނާފު ބޯޑެއްގެވެސް މިބިލާއެކު އެކުލަވާލަންޖެހެއެވެ. ބިލުގައި ވަނީ ފުލުހުންގެ މިހާރު ތިއްބެވި ބައެއް މަޤާމުތައް އަލުން ޢައްޔަން ކުރުމަށްވެސް ފާސްކޮށްފައެވެ. އަދި މިބިލުގައި ފުލުހުންގެ ތެރޭގައި ބަޣާވާތްކޮށްފިނަމަ ޢަމަލުކުރާނެ ގޮތުގެ ތަފްސީލުވެސް ހިމަނާފައިވެއެވެ.

މިބިލުން ފުލުހުންނަށް ހަތިޔާރު ހޯދުމާއި ގެންގުޅުމުގެ ބާރު ލިބިދޭއިރު، ފުލުހުންނަށް ލެސް ލީތަލް ހަތިޔާރު ބޭނުން ކުރުމުގެ ބާރު ދިނުމަށްވަނީ ދީފައެވެ. އަދި ފުލުހުންނަށް މަރުވެފައިވާ މީހަކު ކޮނެގެން ނަގައި އޮޓޮޕްސީ ހެދުމުގެ ބާރުވެސް ދިނުމަށްވަނީ ބިލުގައި ހިމަނާފައެވެ.

މިބިލާއެކު ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ސިއްޙީ ފަރުވާގެ ޚިދުމަތް ކަށަވަރުކޮށްދިނުމާއި ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރުމުން މާލީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހައުސިންގ ސްކީމްތައް ޤާއިމުކޮށް އޭގެމަންފާ ފުލުންނަށް ލިބޭނޭގޮތް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ތެރެއިން ކަނޑައެޅިގެންދެއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ބިލަކީ، އެމް.ޑީ.ޕީއާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުފުޅެއްގެ މައްޗަށް، ފުލުހުންގެ މުއައްސަސާ ޑިމޮކްރެޓިކް ވެރިކަމެއްގައި ޕްރޮފެޝަނަލްގޮތެއްގައި ހުނަރުވެރިކަމާއެކު މަސައްކަތްކޮށް، ޚިދުމަތްދޭ މުއައްސަސާއަކަށް ހެދުމަށް އެކުލަވާލެވިފައިވާ ޤާނޫނެކެވެ.