ޒަމާނުންސުރެ ފޯކައިދޫ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ލަފާފުރުމުގެ ދަތިކަމެވެ. ފޯކައިދޫއަކީ އޮނޑިދޯނިފަހަރު ގިނަ މަސްވެރި ރަށެކެވެ. އާބާދީގައި 2000 އެއްހާ މީހުން އުޅޭ ފޯކައިދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ލަފައިފުރުމުގައި ހުރި ދަތިކަމެވެ. ބަނދަރެއް އޮތްނަމަވެސް އެ ބަނދަރަކީ އެރަށުގެ އޮޑިދޯނިފަހަރަށާއި ލަފާފުރުމަށް ބޭނުން ކުރަން ރައްކާތެރި ބަނދަރެއްނޫނެވެ.
އެ ރަށުގައި މިހާރު އޮތް ބަނދަރަކީ 2003 ވަނަ އަހަރު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެރަށުގައި ތަރައްގީކުރި ބަނދަރެކެވެ. ނަމަވެސް އެ ބަނދަރުގެ ނަފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންކަން ލިބިފައެއް ނުވެއެވެ.
ފޯކައިދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ދިގު މިނުގައި 650 ފޫޓު އަދި ފުޅާ މިނުގައި 190 ފޫޓު ހުންނަ އެ ބަނދަރަށް މާކަނޑުން އަންނަ ރާޅު ބާނިތައް އެއްވެސް ހިފެހެއްޓުމެއް ނެތި އެއްގަމަށާއި ބަނދަރަށް ވަންނައިރު، ބަނދަރު ތެރޭގައި އޮންނަ އޮނޑިދޯނި ފަހަރަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭކަމަށެވެ.
އިރުވައި މޫސުމުގައިވެސް ގިނަ ދުވަސް ދުވަހު ރަށުގެ ބަނދަރުން ލަފާ ފުރުމަކީ ވަރަށް ދަތި ކަމެއް ކަމަށާއި އެހެންކަމުން އޮޑި ދޯނި ފަހަރު އަޅަން ޖެހެނީ ރަށުގެ ފުއްޓަރު ފަރާތުގައިކަމަށް ކައުންސިލުން ބުނެއެވެ. އަދި ފުއްޓަރު ފަރާތުގައި އަޅާފައި ހުންނަ ދޯނި ފަހަރުގައި ރަށަށް ގެންނަ މުދާ މީހުން ބާލަންޖެހެނީ ބޮއްކުރާގައެވެ. މި ގޮތަށް މިކަންކުރަން އުޅުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލައި ވަރަށް ހިތާމަވެރި ހާދިސާތައް ދިމާވެފައިވެސް އެބަހުއްޓެވެ.
ފޯކައިދޫ ރައްޔިތުން ބަނދަރަކަށް އެދި އާދޭސްކުރާތާ 17 އަހަރުފަހުން މިއަދު އެރަށުގެ ރައްޔިތުންނަށް ދެކެމުންދިޔަ ފޮނި ހުވަފެންތައް ހަޤީގަތަކަށް ހެދުމުގެ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ ފަށާފައެވެ. އެގޮތުން ޒަމާންތަކެއް ވަންދެން ފޯކައިދޫ ރައްޔިތުން ތަހައްމަލުކުރަމުން ދިޔަ ދަތި އުނދަގޫ ދުވަސްތަކަށް ނިމުމެއް ގެނެސް، ސަރުކާރުން މިވަނީ ފޯކައިދޫ ރައްޔިތުން އެދެމުންދިޔަ ފަދަ ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދުމުގެ މަސައްކަތް އެރަށުގައި ފަށާފައެވެ.
ފޯކައިދޫ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނުތައް އެރަށަށް ގެންގޮސް ބަނދަރުގެ މަސައްކަތް ފެށުނު ދުވަހަކީ އެރަށުގެ ރައްޔިތުންގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާލި ދުވަހެކެވެ. ކުދިބޮޑު އެންމެން އެމަންޒަރު ބަލަން ވަނީ ނުކުމެފައެވެ. މިމަންޒަރުން ހާމަވެގެން ދިޔައީ ހަގީގަތުގައިވެސް އެރަށުގެ ރައްޔިތުން އެކަމަށް ބޭނުން ވެފައި ހުރި މިންވަރުއެވެ.
މި މަޝްރޫއާއި ގުޅޭގޮތުން ފޯކައިދޫ ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ 17 އަހަރުގެ ދިގު އިންތިޒާރެއްގެ ނިމުން ކަމަށާއި، މި މަސައްކަތަކީ މުޅި ރަށުގެ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަމާއި ގުޅިފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ.
އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް ވިދާޅުވީ ބަނދަރު ނިންމުމަށް އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ 500 ދުވަސް ނަމަވެސް، ޓާގެޓަކީ އެއަށްވުރެ އަވަހަށް ބަނދަރުގެ މަސައްކަތް ނިންމުން ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް ބަނދަރު ބޭނުންކުރެވޭ ވަރުކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ބަނދަރާއެކު އެރަށުގެ ރައްތިތުންނަށް ޒަމާނުންސުރެ ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ..
ފޯކައިދޫގައި ތަރައްގީކުރާ މިބަނދަރަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ. އަދި ފޯކައިދޫގައި ތަރައްޤީ ކުރާ ބަނދަރު މަޝްރޫޢުގެ އަމަލީ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެންބަރ މަހުގައެވެ.
އެމްޓީސީސީން ބުނީ މިހާރު އެމަސައްކަތުގެ ދަށުން ބަނދަރު ކޮނުމުގެ މަސައްކަތުގެ %50 މަސައްކަތް ނިމިފައިވާކަމަށެވެ. އަދި މުޅި މަޝްރުޢޫގެ %12 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި މަޝްރުޢުގެ ދަށުން 45795 ކިއުބިކް މީޓަރގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 100 މިޓަރުގެ ސަހަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުގައި 464 މީޓަރުގައި އެއްގަމު ތޮށިލުމާއި، 2320 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ބަނދަރު ހިމެނޭ ސަރަހައްދުގައި ހަދާނެއެވެ. މިއީ ސަރުކާރުން 55.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
އެމްޓީސީސީގެ ސީއޯ އާދަމް އާޒިމް ވިދާޅުވީ ބަނދަރު ނިންމުމަށް އެމްޓީސީސީއަށް ދީފައިވާ މުއްދަތަކީ 500 ދުވަސް ނަމަވެސް، އަމާޒަކީ އެއަށްވުރެ އަވަހަށް ބަނދަރުގެ މަސައްކަތް ނިންމުން ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރުގެ ތެރޭގައި ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާ ރައްޔިތުންނަށް ބަނދަރު ބޭނުންކުރެވޭވަރު ކޮށްދެއްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި މި ބަނދަރާއެކު އެރަށުގެ ރައްތިތުންނަށް ޒަމާނުން ސުރެއް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެއެވެ.