ސިޔާސީ

ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމްޑީޕީން ގޮވާލައިފި


ދިވެހި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ހުށަހެޅުއްވި މި ގަރާރުގައިވަނީ އދގެ ހިއުމަންރައިޓްސް ކޮމިޝަނަށް އެހީތެރިވުމަށް އުފައްދާފައި އޮންނަ ވަރކިން ގްރޫޕުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާފައިވާ ގޮވާލުމަށް ސަރުކާރުން އިޖާބަ ނުދޭނަމަ ދިވެހި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް އެމްޑީޕީން ތާއީދުކުރާކަމަށެވެ.ރާއްޖެއިން ތަސްދީގު ކޮށްފައިވާ އދ.ގެ މުއާހަދާތައް ކަމަށްވާ ޔޫޑީއެޗްއާރާއި އައިސީސީޕީއާރުގެ ދަށުން، އދ.ގެ އެ ނިންމުމަށް ދިވެހި ސަރުކާރުން އަމަލު ކުރުމަކީ ލާޒިމު ކަމެއް ކަމަށް އެމްޑީޕީން ބުނެއެވެ.އެމްޑީޕީގެ ގަރާރުގައި ބުނެފައިވަނީ ވަރކިން ގްރޫޕްގެ ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ބާރު އެޅުމުގެ ގޮތުން ދައުލަތުގެ ބައެއް ފަރާތްތަކާއި މެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި ރާއްޖޭގައި އިންވެސްޓް ކުރުމަށް އެޕާޓީން ދެކޭ ނާޖާއިޒް ގޮތުގައި ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތަކާއި އެއްބަސްވުންތަކަށް އެމްޑީޕީން އިހުތިރާމް ނުކުރާނެ ކަމަށެވެ.އެ ގަރާރު ފާސްވީ ރޭ އެ ޕާޓީގެ ގައުމީ މަޖިލީހަށް ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށް އެމްޑީޕީ އިން ބުނެއެވެ.