ވިޔަފާރި

ޔޫއެސް ޑޮލަރުގެ މަޤާމު ހޯދުމަށް ޗައިނާއިން ޑިޖިޓަލް ކަރަންސީއެއް އުފައްދައިފި


ދުނިޔޭގެ އެންމެން ބަލައިގަންނަ ފައިސާއަކަށް ޗައިނާގައި ބޭނުންކުރާ ފައިސާ، ޔުއާން ހެދުމަށް އެޤައުމުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެކި ޤައުމުތަކުގައި ބޭނުންކުރާ ފައިސާގެ ތެރެއިން ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިހާރު ބަލައިގަންނަ އެއް ފައިސާއަކީ އެމެރިކާ ޑޮލަރެވެ. މި މަޤާމް ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތުގެދަށުން އެޤައުމުން މިހާރު މިވަނީ ޑިޖިޓަލް ކަރަންސީއެއް އުފައްދާފައެވެ. ޗައިނާގެ ކަމާގުޅޭ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި މި ޑިޖިޓަލް ކަރަންސީއަކީ ޔޫއެސް ޑޮލަރު ފަހަތައް ޖައްސާލެވޭ ވަރުގެ އެއްޗެކެވެ. އަދި މި ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ދުނިޔޭގެ ބާޒާރުގައި މީހުން ފައިސާ ހޭދަކުރާގޮތުގެ މައްޗައް އެގައުމުން ބޭނުންވާ ފަދަ ކޮންޓްރޯލެއް ހޯދޭނެ ކަމަށްވެސް ޗައިނާއިން ބުނެއެވެ.

މިއަހަރުގެ ކުރީކޮޅު އެޤައުމުގެ ބައެއް ސަރަހައްދުތަކުގައި މި ޑިޖިޓަލް ކަރަންސީ ވަނީ ބޭނުންކުރަން ފަށާފައެވެ. 2019 ގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޗައިނާގެ ކޮންމެ 5 ފައިސާގެ މުއާމަލާތަކުން 4 މުއާމަލާތް ކުރެވިފައިވަނީ އޮންލައިންކޮށް ނުވަތަ ޑިޖިޓަލްކޮށްނެވެ. ޗައިނާގެ ޑިޖިޓަލް ފައިސާގެ ނިޒާމަކީ ދުނިޔޭގައި ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު އެންމެ އުހުގައި އޮތް ނިޒާމެވެ.

ދުނިޔޭގެ ހުރިހާ ޤައުމެއްގައި ގަބޫލުކުރާ ކަރަންސީއަކަށް ޔުއާން ހެދުމަށްޓަކާ އެންމެ ފުރަތަމަ ޗައިނާއިން ޖެހޭނީ އެޤައުމުގެ ކަރަންސީ އެހެންގައުމުތަކުގައި ވެސް ބޭނުންކުރެވޭނެ މަގެއް ހޯދާށެވެ. މިހާރު ހަމައެކަނި ދުނިޔޭގެ އެންމެން ޤަބޫލުކުރާ ކަރަންސީއަކީ ޔޫއެސް ޑޮލަރު ކަމަށްވާއިރު އެއާ ވާދަކުރުމަށްޓަކާ ނުވަތަ އެ މަޤާމް ހޯދުމަށްޓަކައި އަދިވެސް ޗައިނާއިން ވަރަށް ދިގު ދަތުރެއް ކުރަން ޖެހެއެވެ.

ޗައިނާއިން ކުރި ދިރާސާތަކަށްފަހު އެޤައުމުން ބުނެފައިވަނީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި ޔޫއެސް ޑޮލަރު ބޭނުންކުރި ނަމަވެސް ހުރިހާ ޤައުމަކަށް އެ ފައިސާއިން ޚިދުމަތް ނުދެވޭ ކަމަށެވެ. އަދި މިހާރު އެމެރިކާގައި ޑޮލަރު ބޭނުންކުރުމުގައި ގެންގުޅޭ ސިސްޓަމް އޮތްގޮތުން ފަގީރު ޤައުމުތަކުގެ މީހުނަށް ބޭންކިންގްގެ ޚިދުމަތްފޯރުކޮށް ނުދެވޭ ކަމަށްވެސް ޗައިނާއިން ބުނެއެވެ. އެގޮތުން ޗައިނާއިން ކޮށްފައިވާ ދިރާސާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން އެކައުންޓުގައި 10 ޑޮލަރަށްވުރެ މަދުން ހުންނަ މީހުނަށް އެމެރިކާ ޑޮލަރުގެ ޚިދުމަތް ހޯދަން ދަތިވި ނަމަވެސް، ޗައިނާގެ ޑިޖިޓަލް ކަރަންސީ މެދުވެރިކޮށް އެންމެނަށް ވެސް އެއްހަމައެއްގައި ޚިދުމަތް ހޯދޭނެއެވެ.

ދުނިޔޭގެ ފައިސާގެ ބާޒާރުގެ ކުރިމަގަށް ބަލާއިރު އެމެރިކާއަށްވުރެ މިހާރުވެސް ޗައިނާ ކުރިއަރާފައިވާ ކަމަށް ކަމާގުޅޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. މުޅިން ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތްތައް ބަދަލުކުރުމަށް އަމާޒުހިފާފައިވާ ޗައިނާއިން މިހާރުވެސް ބޭނުންކުރަމުން އަންނަނީ ދުނޔޭގެ ނިސްބަތުން ބަލާއިރު އެންމެ ކުރިއަރާފައިވާ ވަސީލަތްތަކެވެ. އެގޮތުން ބަލާއިރު އެގައުމުގައި ބޭނުން ކުރާ ޑިޖިޓަލް ބައެއް އެޕްތަކުގެ ތެރޭގައި ވީޗެޓް ޕޭ އަދި އަލީބާބާގެ އަލީޕޭ ފާހަގަކުރެވެއެވެ.


ޔޫއެސް ޑޮލަރަކީ މިވަގުތު ދުނިޔޭގެ ގިނަ ގައުމުތަކުގައި ބޭނުންކުރާ ފައިސާއަކަށްވެފައި، ދުނިޔޭގެ ފައިސާގެ ނިޒާމުގެ ކޮންޓްރޯލް މިވަގުތު އެމެރިކާގެ ބާރުގެ ދަށުގައި އޮތްނަމަވެސް ޗައިނާއެކޭ އެއްގޮތަށް ފައިސާގެ ނިޒާމު ޓެކްނޮލޮޖީއާއެކު ކުރިއެރުވުމުގެ ވިސްނުން އެމެރިކާގެ ނެތްކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެން ކަމުން އެމެރިކާގެ ފަރާތުން ތައާރަފް ކޮށްފައިވާ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ ލިބްރާއަކީ ހަމައެކަނި ބެކްއަޕް ޕްލޭންއެއް ކަމަށާ، ޗައިނާއިން މިވަނީ ޑިޖިޓަލް ކަރަންސީ ބޭނުންކުރަން ފަށާ، އެއީ ވާނެކަމެއްކަން ދައްކާފައިކަމަށް އެފަރާތްތަކުން ބުނެއެވެ.