ޚަބަރު

ދަރުމަވެރިކަމަކީ މުޖުތަމަޢު ބަދަހިކޮށްދޭ މަތިވެރި ސިފައެއް- މިނިސްޓަރ ޢިމްރާން


ދަރުމަވެރިކަމަކީ މުޖުތަމަޢު ބަދަހިކޮށްދޭ މަތިވެރި ސިފައެއް ކަމެއްކަމަށާއި، ކޮންމެ މީހަކީވެސް ދަރުމައަށް މަސައްކަތްކުރާ މީހަކަށްވުން މުހިއްމުކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން މިއަދު ފާހަގަކުރަމުންދާ ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރ ޢިމްރާން ވިދާޅުވީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަކީ އަމިއްލަ ނަފްޞަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި އުފަލެއްކަމަށެވެ. އަދި އެއީ މުޖުތަމަޢުގެ ބަދަހިކަމާއި އުފާފާގަތިކަމާއި އޯގާވެރިކަން އިތުރުކޮށްދޭނެކަމެއްގެގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ސިފައަކީ ދިވެހި ކާބަފައިންގެ ކިބައިން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަވެފައިވާ ވަރަށް ރީތި މަތިވެރި ދިވެހި ސިފައެއްކަމަށެވެ. އަދި މި މާތް މަތިވެރި ސިފަ އަށަގެންނެވުމަށް މި ޖީލުގެ ހުރިހާ ލޮބުވެތި ޒުވާނުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ދަރުމަވެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ވީޑިއޯ މެސެޖުގައި މިނިސްޓަރ ޢިމްރާން

"ދިވެހިރާއްޖޭގައި ދަރުމަވެރިކަމުގެ ރޫޙުއާލާކޮށް ދިރުވުމަށްޓަކާ މުޖުތަމަޢުގެ ހުރިހާ ބައިވެރިން އެކަމުގައި އެކަތިގަނޑެއްގެގޮތުގައި މަސައްކަތް ކުރުމަކީ ދިވެހިރާއްޖެ އުފާވެރި އަމާން އައްސޭރިއަކަށް ވާސިލުވުމަށް މުހިއްމުކަމެއް. ދަރުމަވެރިއެއްގެގޮތުގައި ކޮންމެ ދުވަހަކު ތިމާގެ އަމިއްލަ އެދުމުން އެއްކިބާވެ މުޖުތަމައުގެ އުފަލަށްޓަކާ ކޮންމެވެސް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ މުހިއްމުކަމެއް. އެގޮތުން އަމިއްލަ އެދުމުން އެއްކިބާވެ، އެހީތެރިކަމަށް ބޭނުންވެފައިވާ ކޮންމެވެސް މީހަކަށް ކޮންމެ ދުވަހަކު ކަމެއްކޮށްދިނުމަކީ އަމިއްލަ އުފަލެއްކަމުގައި ހަދަމާތޯ" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހަކީ ދަރުމަވެރިންގެ މިންނަތް މަސައްކަތް ފާހަގަކުރުމަށްޓަކައި މުޅި ދުނިޔޭގައި ފާހަގަކުރަމުންދާ ދުވަހެވެ. ދަރުމަވެރިންނަކީ އިޖްތިމާޢީ ބަދަހިކަން ވަރުގަދަކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. ދިމާވާ އެކި ކާރިސާތަކާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އާންމު އިޖްތިމާއީ ހަރަކާތްތަކުގައި ވަރަށް ފުޅާދާއިރާއެއްގައި ދަރުމަވެރިން ހަރަކާތްތެރިވެއެވެ. ދަރުމަވެރިންގެ ބޭނުންތެރިކަމާއި، އެމީހުންގެ ސަބަބުން މުޖުތަމަޢުއަށްކުރާ ފައިދާ ގިނަ ފަރަހަށް ވަޒަންކުރެވެނީވެސް ކާރިސާގެ ދަނޑިވަޅުތަކުގައެވެ.