ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ ހަވީރު ބޭއްވުމަށް އެޖެންޑާކޮށްފި


މިދައުރުގެ ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މަސައްކަތްތައް ނިންމުމަށްޓަކައި މާދަމާ ހަވީރު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައިވަނީ މާދަމާ ހަވީރު 4:30 ގައި ބޭއްވުމަށެވެ،

މާދަމާގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް އެޖެންޑާ ކޮށްފައިވަނީ މުޅިންވެސް ކޮމިޓީ ރިޕޯޓު ތަކެވެ. މާދަމާގެ ޖަލްސާއަށް 8 ކޮމިޓީއެއްގެ ރިޕޯޓެއް އެޖެންޑާ ކޮށްފައިވެއެވެ. އޭގެތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންޤުމުގެ ޤާނޫނަށް އިޞްލާހު ޤަނުއުމުގެ ބިލު، ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް ހިމެނެއެވެ. މީގެެއިތުރުން ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހަށް ދެއްވި މައުލޫމާތަކީ ސައްޚަ މައުލޫމާތެއް ނޫންކަމަށް 16 އޮގަސްޓް 2020 ގައި އޮޑިޓަރ ޖެނެރަލް ނެރުއްވި "ކޮވިޑާ-19 އާގެޅޭ ޚަރަދުތަކުގެ ކޮމްޕްލަނަންސް އޮޑިޓް ރިޕޯޓް” ގައި ބަޔާންކޮށްފައިވާތީ، އެ މައްސަލަ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހިމެނެއެވެ.

މާދަމާގެ ޖަލްސާގައި މި ހުރިހާ ރިޕޯޓެއް ފާސްކުރުމަށް އަމާޒު ކަނޑައަޅާފައިވާއިރު، މިދައުރުގެ ފަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުއެވެ. މިދައުރުގެ މަސައްކަތްތަކުގެ ތެރެއިން މިހާރު ނުނިމި އޮތް އެންމެ މުހިއްމު އެއްބިލަކީ ދިވެހި ފުލުހުންގެ ބިލެވެ. މިބިލުގެ މަސައްކަތްވެސް ހޯމަ ދުވަހު ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.