ރިޕޯޓް

ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ބެލި އ.ދގެ ވޯކިންގ ގްރޫޕް!


"ވަރކިން ގްރޫޕް އޮން
އާބިޓްރަރީ ޑިޓެންޝަން" (ޑަބްލިޔޫ.ޖީ.އޭ.ޑީ) އަކީ ކޯޓު އަމުރުތަކާ ނުލައި
އަދި ޤާނޫނުތަކާވެސް ޚިލާފަށް މީހުން ހައްޔަރުކޮށް އެފަދަ މީހުންނާ ދެކޮޅަށް
ބައެއް ގައުމުތަކުގައި ހިންގާ އަނިޔާވެރި އަމަލުތަކުގެ މައްސަލަތައް ބަލައި
ތަހްގީގް ކުރުމަށް އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން 1991 ވަނަ އެކުލަވާލާފައިވާ
ސަބްކޮމިޓީއެކެވެ.

މިކޮމިޓީގައި ހިމެނެނީ އެކި ގައުމުތަކަށް
ނިސްބަތްވާ ފަސްމެންބަރުންނެވެ. މިގޮތުން މިހާރު މިކޮމިޓީގައި ހިމެނޭ
ފަސްމެންބަރުންގެ ތެރޭގައި ހިމެނެނީ ދެކުނު ކޮރެޔާގެ މީހަކާއި އޮސްޓްރޭލިޔާގެ
މީހަކާއި ބެނިން މީހަކާއި ޔުކްރޭން މީހެއްގެ އިތުރުން މެކްސިކޯ މީހެކެވެ. ކޮމިޓީގެ
ރައީސަކަށް ހުންނަވަނީ ސިއޮންގް ފިލް ހޮންގް ނަމަކަށް ކިޔާ ދެކުނު ކޮރެޔާގެ
ރައްޔިތެކެވެ.

2013 ވަނަ އަހަރު ޑަބްލިޔޫ.ޖީ.އޭ.ޑީގެ
މަސައްކަތްތަކަށް ބައެއް ބަދަލުތަކެއް ގެނެސް އެ ކޮމިޓީގެ މެންޑޭޓް ކުރިޔަށްވުރެ
ތަންކޮޅެއް ބޮޑަށް ފުޅާކޮށްފައިވެއެވެ. މިގޮތުން ކޯޓު އަމުރުތަކާ ނުލައި ހައްޔަރު
ކުރެވޭ މީހުންގެ މައްސަލަތައް ބަލައި ތަހްޤީޤް ކުރުމަށްފަހު އެފަދަ
މައްސަލަތަކުގައި އެ ކޮމިޓީއަށް ފެންނަ ޚިޔާލުތަކާއި ރެކޮމެންޑޭޝަންތައް
ގައުމުތަކުގެ ސަރުކާރުތަކާ ހިއްސާ ކުރުމާއި އެކޮމިޓީން ބަލާ މައްސަލަތަކާއި ކުރާ
ރެކޮމެންޑޭޝަންތައް ހިމެނޭ ރިޕޯޓެއް އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަށް
ކޮންމެ އަހަރަކު ހުށަހެޅުންފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް ގާނޫނުތަކާ
އެއްގޮތަށް މައްސަލަ ބެލުމަށްފަހު ޝަރުއީ ކޯޓުތަކުން ހުކުމްކޮށް އެ ހުކުމްތައް
ތަންފީޒު ކުރަމުން ގެންދާ ކުށްވެރިންގެ މައްސަލަތައް ބެލުމަކީ މި ސަބް ކޮމިޓީގެ
މެންޑޭޓްގައިވެސް ހިމެނޭ ކަމެއްނޫނެވެ.

ޑަބްލިޔޫ.ޖީ.އޭ.ޑީ މައްސަލަ ހުށަހެޅުމުގެ ފުރުސަތު އަމިއްލަ
ޖަމިއްޔާތަކަށާއި ހައްޔަރު ކުރެވޭ މީހުންގެ އާއިލާތަކަށް ލިބިދޭ.ޑަބްލިޔޫ.ޖީ.އޭ.ޑީމިފަދަ
މައްސަލަތައް ބަލާއިރު އެކަމަށް ބޭނުންވާ މައުލޫމާތު ހޯދަނީ އެފަދަ މީހުންގެ ޢާއިލާތަކުންނާއި
އެމީހުންގެ ގާނޫނީ ވަކީލުންގެ އިތުރުން އެކޮމިޓީއަށް އިތުބާރު ކުރެވޭ ފަރާތްތަކުންނެވެ.
މީގެ އިތުރުން ބޭނުންވާ ޙާލަތްތަކުގައި އެފަދަ މީހުން ހައްޔަރުކުރާ
ސަރުކާރުތަކުންވެސް މައުލޫމާތު ހޯދަމުންގެންދެއެވެ. ނަމަވެސް މިކޮމިޓީއަށް
މައުލޫމާތު ދިނުމާއި ނުދިނުމަކީ ގައުމުތަކަށް ލިބިގެންވާ އިޚްތިޔާރެކެވެ. އަދި
މިފަދަ މައްސަލަތަކުގައި މިކޮމިޓީއަށް އެއްބާރުލުން ނުދިންނަމަވެސް އެއްވެސް ޤައުމަކާ
ދެކޮޅަށް އަދި އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމުގެ ޤާނޫނީ
ބާރެއް މިކޮމިޓީއަށް ލިބިފައެއް ނުވެއެވެ.

ޑަބްލިޔޫ.ޖީ.އޭ.ޑީން މިފަދަ މައްސަލަތައް ބަލައި
ތަހްގީގް ކުރުމަށްފަހު އެކޮމިޓީއަށް ފެންނަ ގޮތްތަކާ އަދި ރެކޮމެންޑޭޝަންތައް
އެފަރާތްތައް ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކަށްފޮނުވައެވެ. ނަމަވެސް މި
ރެކޮމެންޑޭޝަންތަކާ އަދި އެފަދަ މީހުންނާމެދު އަމަލުކުރުމަށް އެކޮމިޓީއަށް ފެންނަ ގޮތްތައް
ސަރުކާރުތަކަށް އެންގިނަމަވެސް އެއާއެއްގޮތަށް އަމަލު ކުރުމަކީ ބައިނަލްއަގްވާމީ
ގާނޫނުތަކާ ޤައުމުތަކަށް ލިބިދީފައިވާ ސޮވެރިން ބާރުގެ ދަށުން ގައުމުތަކުގެ
ސަރުކާރުތަކަށް ލާޒިމް ކުރާ ކަމެއްނޫނެވެ.

ޑަބްލިޔޫ.ޖީ.އޭ.ޑީން އަންގާ އެންގުމަކަށް ނޫނީ ކުރާ
ރެކޮމެންޑޭޝަނަކަށް ގައުމުތަކުން ދެކޮޅު ހެދިނަމަވެސް އެގައުމަކާ ދެކޮޅަށް ދަތި
ކުރުމުގެ ފިޔަވަޅެއް އެޅުމަކީ ނޫނީ ފިއްތުންތަކެއް ކުރިމަތި ކުރުމަކީ ކުރެވޭނެ
ކަމެއްނޫނެވެ. ނަތީޖާއެއްގެ ގޮތުން "ވަރކިން ގްރޫޕް އޮން އާބިޓްރަރީ
ޑިޓެންޝަން" ނުވަތަ ޑަބްލިޔޫ.ޖީ.އޭ.ޑީ ގެ އެންގުންތަކަކީ ގައުމުތަކުން
މާބޮޑުއަޅާލުމެއް އަދި ސަމާލުކަމެއް ދޭ އެންގުންތަކަކަށްނުވެއެވެ. އަދި އެކޮމިޓީގެ
އެންގުންތަކަށް ދުނިޔޭގެ ގައުމުތަކުން އަމަލުކުރާތަންވެސް ފެނިފައެއް ނުވެއެވެ.

ޑަބްލިޔޫ.ޖީ.އޭ.ޑީގެ ތަފާސް ހިސާބުތަކަށް ބަލާއިރު
އެކޮމިޓީން އެންމެ ގިނަ މައްސަލަތައް ބަލާފައިވަނީ 2013 ވަނަ އަހަރުއެވެ. އެ އަހަރު
37 ގައުމެއްގެ ހަސަތޭކައަށްވުރެ ގިނަ ކުށްވެރިންގެ މައްސަލަތައް އެކޮމިޓީން
ބަލައިއެމީހުންހައްޔަރުކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށްބުނެ އެމީހުން މިނިވަން
ކުރުމަށް ގޮވާލާފައިވެއެވެ. ނަމަވެސް އެކޮމިޓީގެ އެދުމާ އެއްގޮތަށް އެއްވެސް
ގައުމަކުން މީގެތެރެއިން އެއްވެސް ކުށްވެރިއަކު މިނިވަންކޮށްފައިވާކަން
އެނގިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް
ޓެރަރިޒަމްގެ ކުށް ސާބިތުވެގެން އެމަނިކުފާނުގެ މައްޗަށް 13 އަހަރުގެ ޖަލު
ހުކުމެއް ޝަރުޢީ ކޯޓަކުން އިއްވާފައިވާ މައްސަލަ މި ގްރޫޕަށް ހުށަހަޅާފައިވަނީ
ކޮންގިންތިއަކަށް ފައްތައިގެންކަން ސާފުވެފައެއްނުވެއެވެ.  ސަބަބަކީ ގައުމުތަކުގެ ގާނޫނުތަކާ އެއްގޮތަށް
ޝަރީޢަތްކޮށް ހުކުމް އިއްވައި ހުކުމް ތަންފީޒުކުރާ ކުށްވެރިންގެ މައްސަލަ ބެލުމަކީ
އެކޮމެޓީގެ އަސްލު މެންޑޭޓްގައި ހިމެނޭ ކަމަކަށް ނުވާތީއެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް
ސާބިތުވެފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރަކު ކޯޓު އަމުރަކާ ނުލައި އަދި
ދިވެހިރާއްޖޭގެ ގާނޫނުތަކާވެސް މުޅިން ޚިލާފަށް އާބިޓްރަރީ އުސޫލުން
ހައްޔަރުކުރުމާ ގުޅިގެނެވެ. އެހެންކަމުން ނަޝީދުގެ މައްސަލައިގެ ބަދަލުގައި ޑަބްލިޔޫ.ޖީ.އޭ.ޑީ
ގެ މެންޑޭޓަށް ހަގީގަތުގައި ފެތޭ މައްސަލައަކީ މުހައްމަދު ނަޝީދުގެ އަމުރަށް
ދިވެހިރާއްޖޭގެ ފަނޑިޔާރަކު ކޯޓު އަމުރަކާ ނުލައި އަދި ދިވެހިރާއްޖޭގެ
ގާނޫނުތަކާވެސް  ޚިލާފަށް އާބިޓްރަރީ
އުސޫލުން ހައްޔަރުކުރި މައްސަލައެވެ.

ނަޝީދުގެ މައްސަލައިގާ ޑަބްލިޔޫ.ޖީ.އޭ.ޑީން
ބެލުމަށްފަހު ރެކޮމެންޑް ކޮށްފައިވަނީ އެމަނިކުފާނު މިނިވަން ކުރުމަށް ކަމަށް
ވިޔަސް މި ރެކޮމެންޑޭޝަނާ ދެކޮޅު ހެދުމުގެ ހައްގު ބައިނަލްއަގްވާމީ ގާނޫނުގެ
ދަށުން ދިވެހި ސަރުކާރަށް ލިބިދެއެވެ. އަދި މިރެކޮމެންޑޭޝަނާ ދެކޮޅު ހެދިނަމަވެސް ދިވެހިރާއްޖެއަށް
އެއްވެސް ފިއްތުމެއް ނޫނީ ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަކީ މިސަބްކޮމިޓީއަށްވެސް
އަދި އ.ދ. އަށްވެސް ލިބިފައިވާ މެންޑޭޓެއްނޫނެވެ. 

ގައުމުތަކާ ދެކޮޅަށް އދ.ން
ފިޔަވަޅުއަޅަނީ އެގައުމަކީ ބައިނަލްއަގްވާމީ އަމަނާއި ސަލާމަތަށް ނުރައްކާކުރާ ފަދަ
އަމަލެއް ހިންގާ ގައުމަކަށްވެގެނެވެ. މިގޮތަށް ފިޔަވަޅު އެޅިނަމަވެސް އެފިޔަވަޅެއް
އަޅާނީ އ.ދ. ގެ ސަލާމަތީ މަޖިލީހުންނެވެ. އދގެ އިންސާނީ ހައްގުތަކާއިބެހޭ
ކޮމިޝަންގެ އެތެރޭގެ ސަބްގްރޫޕެއްކަމަށްވާ ޑަބްލިޔޫ.ޖީ.އޭ.ޑީން ރާއްޖޭގެ ކުރީގެ
ރައީސް މުހައްމަދު ނަޝީދާއި ގުޅޭ ޝަރުއީ ދާއިރާގައި ހިގަމުންދާ މައްސަލައެއް
ބަލައި ފިޔަވަޅު އަޅަން ގޮވާލިއިރު އެމައްސަލާގައި ރާއްޖޭގެ ޝަރުއީ މަރުހަލާތައް
އަދި ނިމުމަކަށްވެސް ނާންނަކަން ފާހަގަކުރެވެއެވެ. 

މިމައްސަލަ އެގްރޫޕަށް
ހުށަހަޅާފައިވަނީ ހަމައެކަނި ދަށުކޯޓުން އިއްވާފައިވާ ހުކުމަކަށްކަމަށްވާއިރު ދަށު
ކޯޓްގެ ހުކުމުގައި އެއްވެސް މައްސަލައެއް އޮތް ނަމަ ހަމަޖެހިފައިވާ އިސްތިއުނާފްގެ
މަރްހަލާތައް އޮވެއެވެ. 

މިމައްސަލައިގެ އެމަރުހަލާތައް ނުނިމެނީސް އިންސާފުން
އެއްކިބާވެފައިވާ ހުކުމެއްކަމަށް ކަނޑައަޅައި އަދި މިގްރޫޕްގެ މޭންޑޭޓްގައިވެސް
ނުހިމެނޭކަމެއްގެތެރެއަށް ވަދެ ނިންމި ނިންމުމަކީ ކޮންމެވެސް ސަބަބަކާއި ހެދި
އަވަސްއަރުވާލައިގެން ނުވަތަ ކޮންމެވެސް ނުފޫޒަކުން ކޮށްފައިވާ ކަމެއްކަމަށް
ބެލުމުގެ ފުރުސަތު އޮތްކަމެއްކަމަށް ބަލަންޖެހެއެވެ.