ޚަބަރު

ޝަރީއަތް ނިމެންދެން ޝަހީބް ބަންދުކުރި މައްސަލަ ސުޕްރީމްކޯޓަށް


ރާއްޖެއަށް އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ޝަހީބް އިބްރާހިމް ޝަރީއަތް ނިންމެންދެން ބަންދުކުރި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފުކޮށްފިއެވެ. މި މައްސަލަ އިސްތިއުނާފުކުރީ އޭނާގެ ފަރާތުންނެވެ.

މަސްތުވާތަކެތީގެ ވިޔަފާރީ ފުޅާ ދާއިރާއެއްގައި ކުރާ ބޮޑު ނެޓްވޯކެއްގެ އިސްމީހެއްގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޝަހީބާއި އިތުރު ބަޔަކު ހައްޔަރުކުރީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އެމީހުން ހައްޔަރުކުރީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައެވެ. މި މައްސަލާގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވަނިކޮށް ކްރިމިނަލްކޯޓުން ވަނީ އޭނާ ޝަރުތުތަކާއި އެކު މިނިވަންކޮށްފައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފުކުރުން އެކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާށެވެ.

ހައިކޯޓްގެ ނިންމުން އެނާގެ ފަރާތުން ސުޕްރީމްކޯޓްގައި އިސްތިއުނާފްކުރުމުން އެ މައްސަލައިގެ އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ.

ޝަހީބް އިބްރާހިމަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް މީހެއްކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި 7 މީހުންނާއި ޖާމިނު ވެފައިވަނީވެސް އޭނާކަމަށްް ފުލުހުން ވިދާޅުވެއެވެ. އަދި އެމައްސަލާގައި ޝަހީބް އިބްރާހިމް އާއި ޖާމިނުކޮށް އީރާން 7 މީހުން ކްރިމިނަލް ކޯޓުން އޭރު ބަންދުން ދޫކޮށްލިކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.