ޚަބަރު

ކޯވިޑް-19ގެ ޙާލަތުގައިވެސް ހައިކޯޓުގައި ނުނިމިހުރި މައްސަލަތައް މަދުކޮށްފި


ކޯވިޑް-19އާ އެކުވެސް ހައިކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު މަދުކުރެވުނުކަމަށް ހައިކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެކޯޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2020ވަނަ އަހަރު ފެށުނުއިރު ހައިކޯޓަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ނުނިމިހުރި މައްސަލަތަކުގެ ޢަދަދު 884އަށް އަރައެވެ. އަދި ފެބްރުވަރީމަހު ނުނިމި ހުރި މައްސަލަތަކުގެ އަދަދުވަނީ 834އަށް މަދުކުރެވިފައެވެ.

މާރިޗު މަހުގެ ތެރޭގައި މާލޭގައި ކޯވިޑް-19 ފެތުރެން ފެށުމާއެކު ހައިކޯޓުން ޢާއްމުކޮށް ޝަރީޢަތްތައް ބޭއްވުން ހުއްޓާލިއެވެ. މިމުއްދަތުގެ ތެރޭގައި އޮންލައިންކޮށް ބައެއް ޝަރީޢަތްތައް ބާއްވާފައިވެއެވެ. އެގޮތުން މާރިޗު މަހުން ފެށިގެން ޖުލައިމަހާ ހަމައަށް ނުނިމިހުރި މައްސަލަ ތަކުގެ ޢަދަދު 859 މައްސަލައަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތައް ދައްކައެވެ.

އޮގަސްޓުމަހުގެ ތެރޭގައި ކޯވިޑް-19ގެ ޙާލަތަށް ބަލައި ލުއިތަކެއް ދިނުމާއެކު ހައިކޯޓުން ކުރިއެކޭ އެއްގޮތަށް ޝަރީޢަތްތައް ކުރިޔަށް ގެންދަން ފެށިއެވެ. އެއާއިއެކު ނޮވެމްބަރު މަހުގެ ނިޔަލަށް ނުނިމި ހުރި މައްސަލަތަކުގެ ޢަދަދު 792އަށް ދަށްކުރެވިގެންދިޔައެވެ.

މިއަހަރުގެ ތެރޭގައި ހައިކޯޓުގައި އެންމެ މަދުން މައްސަލަތައް ރަޖިސްޓްރީ ކުރީ މެއި މަހުގައެވެ. އެމަހު ރަޖިސްޓްރީ ކުރެވުނީ އެންމެ 11 މައްސަލައެވެ. ނިމިދިޔަ އޮކްޓޯބަރުމަހަކީ މިއަހަރުގެ މިހާތަނަށް އެންމެ ގިނަ މައްސަލަ ރަޖިސްޓްރޭޓް ކުރި މަސްކަމަށް ހައި ކޯޓުގެ ތަފާސްހިސާބުތަކުން ދަށްކައެވެ. އެގޮތުން މުޅިއެކު 56 މައްސަލައެއް އޮކްޓޯބަރު މަހު ރަޖިސްޓްރީ ކުރެވިފައިވެއެވެ.

ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިހުރި މައްސަލަތަކުގެ ޢަދަދު މަދުކުރުމަށްޓަކައި ރިސެސްގެ މުއްދަތުގައިވެސް ޝަރީޢަތްތައް ކުރިޔަށްގެންދަން ހައިކޯޓުގެ ޢާއްމު މަޖިލީހުންވަނީ ނިންމަވާފައެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަސް ފެށުމާއެކު، ސުޕްރީމް ކޯޓާއި ހައިކޯޓު އެއް މަސްދުވަހުގެ ރިސެސްއަކަށް ދާއިރު، ދަށު ކޯޓުތައްވެސް ރިސެސްއަކަށް ދެއެވެ.