ވިޔަފާރި

އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ ތޮއްޑޫގައި


އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ އއ. ތޮއްޑޫގައިކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އއ.ތޮއްޑޫގައި 20 ގެސްޓުހައުސްއެއް ވަނީ އަލުން ހުޅުވާފައެވެެ. މިއީ ފަތުރުވެރިކަމުގެ 272 އެނދެވެ.

ދެން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައިވަނީ ކ.މާފުށީގައެވެ. އެރަށުގައި 14 ގެސްޓުހައުސެއް ވަނީ އަލުން ހުޅުވާފައެވެ. އަދި މިއާއެކު އެރަށުންވަނީ ފަތުރުވެރިކަމަށް 676 އެނދު ނެރެފައެވެ. މިއީ އެއް ރަށަކުން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިކަމަށް އެނދު ނެރެފައިވާ ރަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ އއ. އުކުޅަސްގައެވެ. އެރަށުގައި 10 ގެސްޓުހައުސްވަނީ އަލުން ހުޅުވާފައެވެ. މިއީ ފަތުރުވެރިކަމުގެ 170 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި މިހާތަނަށް ރާއްޖޭގެ 8 އަތޮޅަކުން 24 ރަށެއްގެ 125 ގެސްޓުހައުސެއް ވަނީ އަލުން ހުޅުވާފައެެވެ. މިއާއެކު ގެސްޓުހައުސްތަކުން ފަތުރުވެރިކަމުގެ ސިނާއަތަށްވަނީ 2476 އެނދު އޮޕަރޭޝަނަށް ގެނެސްފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ ކ.އަތޮޅުގައެވެ. އެގޮތުން ކ.އަތޮޅުގެ 8 ރަށަކުން 48 ގެސްޓްހައުސެއް ވަނީ އަލުން ހުޅުވާފައެވެ. މިއީ ފަތުރުވެރިކަމުގެ 1230 އެނދެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައިވަނީ އއ. އަތޮޅުގައެވެ. އެ އަތޮޅުގެ 4 ރަށަކުން ޖުމްލަ 39 ގެސްޓުހައުސްއެއް ވަނީ އަލުން ހުޅުވާފައެވެ. މިއާ އެކު އެ އަތޮޅުން ފަތުރުވެރިކަމުގެ 546 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރޗު މަހުގެ 17ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން އޮކްޓޫބަރުމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.