ސިޔާސީ

ސަރުކާރުން 4 ބިލެއް މަޖިލީހަަށް ފޮނުވައިފި


ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާޢަތުތައް ކަނޑައެޅުމުގެ ގޮތުން ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުގެ ބިލާއެކު ހަތަރު ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.އެބިލްތަކަކީ، ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙުގެނައުމުގެ ބިލާއި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަަށް އިޞްލާޙު ގެނައުމުގެ ބިލާއި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ދިވެހިރައްޔިތުކަން ދޫކޮށްލުމުގެ އިޖްރާތްތަށް ބަޔާންކުރާ ގާނޫނު ނުވަތަ ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުގެ ބިލެވެ.ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނުއަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ދިވެހިރައްޔިތުކަން ދޫކޮށްލަން އެދޭ ކޮންމެ މީހަކަށް ޤާނޫނުގައިވާ ގޮތުގެމަތީން ދިވެހިރައްޔިތުކަން ދޫކޮށްލެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ޤާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތްކަމަށްވާތީ، ދިވެހިރައްޔިތުކަން ދޫކޮށްލެވޭނެ އިޖުރާޢަތުތައް ބަޔާންކުރުމުގެ ގޮތުން އެ ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުންކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުއްވީ، ކަނޑުގައި ދުއްވާ އުޅަނދު ފަހަރުން ފީ ނެގުމާ ގުޅޭ ކަންކަން ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ޤާނޫނުގައި ހިމެނުމަށާއި، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓަރީކުރުމާގުޅޭ އައު އުސޫލުތަކެއް ޤާއިމުކުރުމަށްކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. އަދި ބޭރުގެ ފަރާތްތަކުގެ އުޅަނދުތަކާއި، ބޭރު ޤައުމުތަކުގައި ރަޖިސްޓަރީކޮށްފައިވާ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވޭނެ އައު އުސޫލުތައް ޤާއިމުކުރުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލަކީ، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގައި ހިމެނޭ ވަޒީރުންގެ ބަދަލުގައި ބައެއް ވުޒާރާތަކުން، މިނިސްޓަރ ފޯރ ސްޓޭޓް ނުވަތަ ޑެޕިއުޓީ މިނިސްޓަރ ފެންވަރުގެ މަޤާމެއްގައި ހުރި ފަރާތެއް ޢައްޔަންކުރެވޭ ގޮތަށް ކައުންސިލް އެކުލެވިގެންވާގޮތް ބަދަލުކުރުމުގެ ގޮތުން  ހުށައެޅި ބިލެވެ.މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ސަރުކާރުން ހުށަހެޅުއްވީ، ދިވެހި މުޖްތަމަޢުގައި ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދީންނާއި، ބަލި މީހުން ބަލައި ބެލެހެއްޓުމުގެ މައިގަނޑު މަސްއޫލިއްޔަތު ޢާއްމުގޮތެއްގައި އަދާކުރަނީ އަންހެނުން ކަމުގައިވާއިރު، އަންހެނުން ބާރުވެރިކުރުވުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީކަމަށް ރައީސް އޮފީހުން މައުލޫމަތުދެއެވެ. އަދި އަންހެނުން ވަޒީފާ އަދާކުރުމަށް ނުވަތަ އިޤްތިޞާދީ މަސައްކަތްތަކަށް ނުކުތުމަކީ، ސަރުކާރުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިއަކަށް ވާތީކަމުގައިވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.