ދުނިޔޭގެ ވިޔަފާރި

ކޯވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ސީމަނުންނަށް އެހީވުމަށް އދ.އިން ގޮވާލައިފި


ކޯވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ސީމަނުންނަށް އެހީވުމަށް އދ.އިން ގޮވާލައިފިއެވެ.

ޑިސެމްބަރ މަހުގެ 1 ވަނަ ދުވަހު ބޭއްވި އދގެ ޢާންމު މަޖިލީހުގައި އެ ޖަމުޢިއްޔާގެ 193 މެމްބަރު ޤައުމުން ވަނީ ސީމަނުންނަކީ ކޯވިޑްގެ ސަބަބުން ބޮޑެތި އަސަރުކުރި ފަރާތްތަތަކެއްކަން ކަނޑައަޅާ އެމީހުންނަށް އެހީވުމަށް ޙާއްސަ ޤަރާރެއް ފާސްކޮށްފައެވެ. އދގެ އާންމު މަޖިލީހުގައި ވާހަކަދައްވަމުން އދގެ މެމްބަރު ޤައުމުތަކުން ވަނީ ކޯވިޑްގެ ސަބަބުން 4 ލައްކަ ސީމަނުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވާކަމަށް ކަނޑައަޅާފައެވެ. އެގޮތުން އެއްބައި ސީމަނުންނަށް ކޯވިޑްގެ ފިޔަވަޅުތަކުގެ ސަބަބުން އެނބުރި ޤައުމަށް ނުދެވޭ ޙާލަތު ދިމާވެފައިވާއިރު، އެކި މައްސަލަތަކާއި ހުރެ ސީމަނުންގެ ގޮތުގައި ތިބި މީހުންގެ މުސާރައަށް އަސަރުކޮށްފައިވުމުން މި ފަރާތްތަކަކީ އދ.އިން ކަނޑައަޅާ "ކީ ވޯކާސް"ގެ ގޮތުގައި އދއިން މިހާރު ވަނީ ކަނޑައަޅާފައެވެ.

އދގެ މި ގޮވާލުމަށް ޝިޕިންގް ދާއިރާގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އިންޓަނޭޝަން ޗެމްބަރ އޮފް ޝިޕިންއިން ވަނީ މަރުޙަބާ ކިޔާފައެވެ. އިނގިރޭސިވިލާތުގައި ޤާއިމުވެފައި ހުންނަ މި ޖަމުޢިއްޔާއަކީ މި ދާއިރާގައި މަސައްކަތްކުރާ 80 އިންސައްތައަށްވުރެ ގިނަ މާޗެންޓުން ބައިވެރިވެފައިވާ ޖަމުޢިއްޔާއެކެވެ. އދގެ ނިންމުމާއި ގުޅޭގޮތުން އިންޓަނޭޝަން ޗެމްބަރ އޮފް ޝިޕިންއިން ނެރުނު ބަޔާނުގައި ވަނީ އދ.ގެ ގޮވާލުމަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލެއްވިއެވެ.

ކޯވިޑްގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމުގައި ސީމަނުންގެ ރޯލުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާ އިންޓަނޭޝަން ޗެމްބަރ އޮފް ޝިޕިންއިން ވަނީ މި ދަތި ޙާލަތުގައި 2 މިލިއަން ސީމަނުން އެންމެ އަސާސީ ތަކެތިކަމުގައިވާ ކާނާއާއި، ބޭސް އަދި ހަކަތައިގެ އެކި ސާމާނުތައް ފޯރުކޮށްދިނުމުގައި މެދުކެނޑުމެއްނެތި މަސައްކަތްކުރަމުން ދިޔައެވެ. މި ސަބަބަށްޓަކައި ދުނިޔޭގައި ކޯވިޑްއަށް ވެކްސިނެއް ތައްޔާރުކުރުމުން މި ވެކްސިން އެންމެ ފުރަތަމަ ޖަހާ އިމިއުނައިޒްކުރާ ބަޔަކަށް ސީމަނުން ހެދުމަށް މި ޖަމުޢިއްޔާއިން ގޮވާލެއްވިއެވެ.

ކޯވިޑް-19ގެ ސަބަބުން އަސަރުކޮށްފައިވާ ސީމަނުންނަށް އެހީވުމަށް އދ.އިން ގޮވާލާފައިވާއިރު، އދގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޝް މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ވަނީ ސީމަނުންނަކީ ކޯވިޑްގެ ނުރައްކާ ބޮޑު ބައެއްކަމަށް ވިދާޅުވެފައެވެ. މިފަދަ މަސައްކަތްތެރިންނަށް އެންމެ އެކަށޭނަ ރައްކާތެރިކަން މިހާތަނަށް އައިރު ކަށަވަރު ކުރެވިފައިނުވާކަން ފާހަގަކުރައްވާ ގުޓޭރޭޝް ވަނީ މި ފަދަ ކަންކަން ހައްލުކުރުމަށް ކަމާބެހޭ ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ކުންފުނިތަކަށް ގޮވާލައްވާފައެވެ. މިބަލިމަޑުކަމުން އަރައިގަތުމުގައި ސީމަނުން ފޯރުކޮށްދޭ ޚިދުމަތަކަކީ އަސާސީ ޚިދުމަތެއްކަން ފާހަގަކުރައްވާ އދގެ ސެކެޓްރީ ޖެނެރަލް ވަނީ އެ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައްވާފައެވެ.