ޚަބަރު

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި މާލެ ސަރަހައްދުން 2 މީހަކު ހައްޔަރުކޮށްފި


ވިލިމާލެއާއި ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 2 މީހަކު ހައްޔަރުކޮށް އެމައްސަލަތައް ފުލުހުން ތަހުގީގު ކުރަންފަށައިފިއެވެ.

ހުޅުމާލޭގައި ހިންގި އޮޕަރޭޝަނަކީ ހުޅުމާލޭގައި ބިޔަރު ދަޅުތަކެއް ގެންގުޅެ، އެތަކެތި ވިއްކާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ވިދާޅުވެއެވެ. ނޮވެމްބަރު މަހުގެ 30ވަނަ ދުވަހު ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަގުމަތިން ދިޔަ ކާރެއް ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ކާރު ތެރެއިން 24 ދަޅާއިއެކު 42 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

ވިލިމާލޭގައި ހިންގި އޮޕަރޭޝަނަކީ ވިލިމާލޭގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ނޮވެމްބަރު މަހުގެ 29ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދަށް ކޯޓުންވަނީ 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.