ތިމާވެށި

މިއަހަރު ނިމޭއިރު 10 ރަށެއްގައި ނަރުދަމާނިޒާމް ޤާއިމުކޮށް ނިމޭނެ


މިއަހަރުގެ ނިޔަލަށް ރާއްޖޭގެ 10 ރަށެއްގެ ނަރުދަމާއާއި، 2 ރަށެއްގެ ފެނުގެ ނިޒާމްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ. 12 ރަށެއްގައި ގާއިމްކުރާ ނަރުދަމާތައް ޑިޒައިންކުރުމަށް ބަޔަކާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވާރަމަންޓް މިނިސްޓަރ ވިދާޅުވީ، ދޮޅު އަހަރުގެ ތެރޭގައި ގިނަ ރަށްތަކެއްގެ މަސައްކަތް ނިންމާލުމަކީ ސަރުކާރަށް ލިބިގެންދާ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގެ 30 ރަށެއްގެ ނަރުދަމާ އާއި 50 ރަށެއްގައި ފެނުގެ ނިޒާމް ގާއިމްކުރެވިފައިވާއިރު، ސަރުކާރުން ބޭނުންވަނީ އަސާސީ ކަންތައްތަކުގެ ގޮތުގައި ބެލެވޭ މިފަދަ ޚިދުމަތްތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިއުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.އެގޮތުން ގިނަ ރަށްތަކެއްގައި އަމަލީ މަސައްކަތްތައް ކުރިއަށްދާއިރު، ޑިޒައިނިންގ މަރުހަލާގައި 40 އެއް ރަށެއްގެ ނަރުދަމާއާއި، 18 ރަށެއްގެ ފެނުގެ ނިޒާމު ހިމެނޭ ކަމަށް އެންވަޔަރމަންޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ."މި މަސައްކަތްތައް ކުރިއަށް މިދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން. މި ފުރުސަތުގައި ފާހަގަކޮށްލަން،  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްތައް ކުރިއަށްދާއިރު، އެ ދާއިރާތަކަށް ނިސްބަތްވާ މަޖްލިސް މެންބަރުން ދެއްވަމުން ގެންދަވާ އެހީތެރިކަން. މި ކަމުގައި ރައްޔިތުންގެ އެއްބާރުލުންވެސް ވަރަށް މުހިންމު." މިނިސްޓަރ ތާރިގް ވިދާޅުވިއެވެ. އިއްޔެވެސް ވަނީ 12 ރަށެއްގެ ނަރުދަމާ ނިޒާމްތައް ޑިޒައިންކޮށް، ޓެންޑަރ ޑޮކިއުމަންޓްތައް ތައްޔާރު ކުރުމަށް 2.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 2 ކުންފުންޏަކާއި ހަވާލުކުރައްވާފައެވެ. އެ ރަށްތަކަކީ ހއ.އުތީމު، ހދ.ވައިކަރަދޫ، ށ.ފޭދޫ، ޅ.ކުރެންދޫ، ކ.ދިއްފުށި، ކ.ގުޅި، އދ.އޮމަދޫ، ދ.ބަނޑިދޫ، ގއ.މާމެންދޫ، ގއ.ކަނޑުހުޅުދޫ، އަދި ގދ.ފަރެސްމާތޮޑާއެވެ.