ޚަބަރު

އަންނަ އަހަރުގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް، މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުން ބަޖެޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 68 މެމްބަރުންގެ ވޯޓާއެކުގައެވެ. ބަޖެޓަށް ފާސްކުރުމަށް ވޯޓު ނުދެއްވަނީ އެންމެ މެމްބަރެކެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓަށް ވަނީ 200 މިލިޔަން ރުފިޔާ އިތުރުކޮށް، 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. ކޮމިޓީން ހުށަހެޅި ބަޖެޓް ރިޕޯޓަށް ހުޅުވާލި ބަހުސްގައި ވާހަކަ ދައްކަވާފައިވަނީ މަދު މެމްބަރެކެވެ. މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މި ބަހުސްގައި ބައިވެރިވެފައިވަނީ 37 މެމްބަރުންނެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، ބަޖެޓް ތަންފީޒްކުރުމަށް 12 ހުށަހެޅުމެއްވެސް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.