ދުނިޔޭގެ ވިޔަފާރި

ބާބެޑޮަސްއިން ތައާރަފްކުރި ޓްރެވަލް ޕްރޮގްރާމަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް


ފަތުރުވެރިކަމުގައި މަޤްބޫލް މަންޒިލެއް ކަމަށްވާ ބާބެޑޮސްއިން ތައާރަފްކޮށްފައިވާ ޓްރެވަލް ޕްރޮގްރާމަށް އެމެރިކާގެ ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ އަސަރުކޮށްފައިވާ ދަނޑިވަޅެއްގައި ބާބެޑޮސްއިންވަނީ ފަތުރުވެރިންނަށް ޚާއްސަ ވިސާއެއް ތައާރަފްކޮށްފައެވެ. 'ބާބެޑޮސް ވެލްކަމް ސްޓޭމްޕް'ގެ ނަން ދީފައިވާ މި ވިސާގެ ދަށުން ފަތުުރުވެރިންނަށް ބާބެޑޮސްގައި އެއް އަހަރުދުވަހުގެ މުއްދަތަށް މަޑު ކުރެވޭނެއެވެ.

ކޯވިޑް-19 އާއި ގުޅިގެން މަސައްކަތްކުރުމުގެ މާހައުލަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ގޭގައި ތިބެގެން އޮންލައިންކޮށް މަސައްކަތްކުރެވޭނެ ގޮތް ގިނަ ކުންފުނިތަކަކުންވަނީ ހަމަޖައްސާފައެވެ. ބާބެޑޮސްއިން ތައާރަފްކޮށްފައިވާ މި ވިސާގެ ދަށުން ބާބެޑޮސްގައި ތިބެގެން ޗުއްޓީ ހޭދަކުރަމުން މަސައްކަތްވެސް ކުރެވޭނެއެވެ.

މިއަހަރުގެ ޖުލައިމަހު ތައާރަފްކޮށްފައިވާ މި ވިސާއަށް މިހާތަނަށް 2،796 މީހުން އެޕްލައިކޮށްފައިވާ ކަމަށް ބާބެޑޮސްގެ އޮފިޝަލުން ހާމަކުރެއެވެ. މި ވިސާއަށް ފީއެއް ދައްކަން ޖެހެއެވެ. އެގޮތުން ވަކި ފަރުދެއްނަމަ 2000 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އާއިލާއަކުން ނަމަ 3000 ޑޮލަރު ދައްކަން ޖެހެއެވެ.