ޚަބަރު

ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާގެ އިންޒާރެއް ފްލައިން ސްކޫލަށް: ވިދާޅުވީ ފިޔަވަޅު އަޅުއްވާނެ ކަމަށް!


އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންނާއި މެދު އަމަލު ކުރަމުންދަނީ ބޭއިންސާފުން ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ ފްލައިން ސްކޫލުގެ ކުދިން ތަކެއް ވަކި ކުރި މައްސަލަ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރ ނަހުލާ ވަނީ މިހާރު ފްލައިން ސްކޫލުގެ ދަރިވަރުންނާއި މެދު އަމަލު ކުރަމުންދަނީ ބޭއިންސާފުން ކަމަށް ވިދާޅުވެ އެކަން ކުއްވެރި ކުރައްވާފައެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވި ގޮތުގައި، ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ކިޔަވާ ކުދިންނާއި މެދު ބޭއިންސާފުން ޢަމަލު ކުރެވެމުންދާތީ އެކަމަށް އިހުމާލު ވެފައިވާ ފަރާތްތަކާއި މެދު އަޅަން ޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ފްލައިން ސްކޫލުގެ މައްސަލައިގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި މިވަނީ ފްލައިން ސްކޫލުގެ 15 ދަރިވަރަކު ސްކޫލުން ވަކި ކުރި މައްސަލަ ފެންމަތި ވެފައި ވަނިކޮށެވެ. އައްޑޫ ފްލައިން ސްކޫލުގެ ސްޓޫޑެންޓް ޔޫނިއަން އިން ވިދާޅުވީ، މީގެ ދެދުވަސް ކުރިން 1 ދަރިވަރަކު ވަކި ކޮށްފައިވާ ކަން މެއިލް އަންގާފައިވާ ކަމަށާއި އޭގެ ފަހުން މިހާރު އިތުރު 14 ދަރިވަރުން ވަކި ކުރި ކަމަށް ސްކޫލުން ދަރިވަރުންނަށް އަންގާފައިވާ ކަމަށެވެ.

ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރި ސަބަބެއް ކަމަށް ބުނެފައި ވަނީ، އެންމެ އެކަށީގެންވާ މިންވަރަށް ކޯސް ފުރިހަމަ ކޮށްފައި ނުވާތީ ކަމަށެވެ. މީގެ ކުރީންވެސް މިފަދަ ގޮތަކަށް ދަރިވަރުން ތަކެއް ފްލައިންގ ސްކޫލުން ވަކިކުރިއެވެ. ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމާއި އެކު އެކުދިންގެ މައްސަލަ އަލުން ރިވިއު ކުރުމަށް ސްކޫލުން ނިންމިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައްޑޫ ފްލައިން ސްކޫލަށް ދަރިވަރުންގެ ކޯސް ޕްރޮގްރެސް ޕްލޭން ހަދައި ހުށަހެޅުމަށް އަންގާފައެވެ. އަދި އިތުރު ކުދިން ނުނެގުމަށް ވެސް އެ ސްކޫލަށް ވަނީ އަންގާފައެވެ.