ޚަބަރު

ބަޖެޓް ރިޕޯޓުގެ ބަހުސް ފަށައިފި، މެމްބަރުން އެދެނީ ކޮމިޓީން ހުށަހެޅި ގޮތަށް ބަޖެޓް ފާސްކުރުމަށް


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރަން ފަށައިފިއެވެ. މަޖިލީހުގެ މިއަދު ޖަލްސާގައި ބަޖެޓް ދިރާސާ ކުރައްވާ ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރު ވަނީ ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށަހަޅާފައެވެ.

ކޮމިޓީ ރިޕޯޓް ހުށަހަޅުއްވަމުން ނާޝިޒް ވަނީ އަންނަ އަހަރުގެ ބަޖެޓް ދިރާސާކޮށް ނިންމާލިއިރު ބަދަލުތަކެއް ބަޖެޓަށް އައިސްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އައު ބަޖެޓަށް ކޮމިޓީ މަރުހަލާގައި އިތުރުކޮށްފައިވަނީ 200 މިލިއަން ރުފިޔާއެވެ. ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، ބަޖެޓް ތަންފީޒްކުރުމަށް 12 ހުށަހެޅުމެއްވެސް ވަނީ ރިޕޯޓުގައި ހިމަނާފައެވެ.

ބަޖެޓް ރިޕޯޓަށް މިއަދު ވާހަކަ ދެއްކެވި ގިނަ މެމްބަރުންވަނީ ކޮމިޓީން ފާސްކުރެއްވިގޮތަށް ބަޖެޓް ފާސް ކުރުމަށް ވިދާޅުވެފައެވެ. ބަޖެޓަށް ވާހަކަ ދައްކަވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަރުކާރެއްގެ އެންމެ ބޮޑު ވާޖިބަކީ ރައްޔިތުންގެ އަސާސީ ކަންކަން ކަށަވަރު ކުރުންކަމަށެވެ. އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ ޑެފިސިޓް ބޮޑު ބަޖެޓަކަށް ވިޔަސް ބަޖެޓުގައި ހުށަހަޅާފައިވަނީ ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެ ގޮތަކަމަށެވެ. ކޯވިޑްގެ މިހާލަތުގައި ޑެފިސިޓް ނޫން ބަޖެޓެއް ހުށަހެޅި ޤައުމެއް މިހާލަތުގައި ނެތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ މިބަޖެޓް ކޮމިޓީން ހުށަހެޅި ގޮތަށް ފާސްކުރުމަށް. މިހާލަތުގައި ކޮން ސަރުކާރެއްތޯ ޑެފިސިޓް ނޫން ބަޖެޓެއް ހުށަހެޅީ. މިބެޖެޓުން އަޅުގަނޑަށް ފެންނަނީ މިޤައުމުގެ އިޤްތިޞާދު ނަގާ ކޮޅަށްޖަހައި، ރައްޔިތުންގެ އުންމީދުތައް ހާސިލްވާތަން" ޝަރީފް ވިދާޅުވިއެވެ.

ބަޖެޓަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ސަރުކާރަށް ކުރިމަތި ވެފައިވާ ގޮންޖެހުން ތަކާއިއެކުވެސް ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމަށް ސަރުކާރުން ދެއްވާފައިވާ ސަމާލުކަމަށް ޝުކުރު އަދާކޮށްފައެވެ. މެމްބަރުންވަނީ ބަޖެޓްގައި ދަރަނި ބޮޑުވެފައިވަނީ ނިމިދިޔަ ސަރުކާރުން އެއްވެސް ހަމައެއް ލަމައެއްނެތި ނަގާފައިވަ ލޯނުތަކުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފައެވެ. ލޯނުތަކުގެ ބުރަ މިސަރުކާރަށް ކުރިމަތިވެފައިވާއިރު މި ލޯނުތައްވެސް މިސަރުކާރުން ދައްކަމުންދާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓް ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ލިބެނީ 7 މިނިޓްގެ ވަގުތެކެވެ. ބަޖެޓުގެ ބަހުސް ނިންމައި، ބަޖެޓު ފާސްކުރުމަށާއި، މަޖިލީހުގައި ހުރި މުހިންމު ބައެއް ކަންކަން ނިންމުމަށް މަޖިލީހުގެ ދައުރު އަންނަ ހޯދުމަ ދުވަށް ދަންމާލުމަށް ވަނީ ނިންމާފައެވެ.