ވިޔަފާރި

ކޮންޑޯ އެއަރލައިންގެ ދަތުރުތައް އަންނަމަހު ރާއްޖެއަށް ފަށަނީ


ޖަރުމަނުވިލާތުގެ ކޮންޑޯ އެއަރލައިންގެ ދަތުރުތައް އަންނަމަހުގެ 18ވަނަ ދުވަހު ރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.

ކޮންޑޯ އެއަރލައިނަކީ ދުނިޔޭގެ މަޤްބޫލް ލެޝަރ އެއަރލައިންނެކެވެ. އެގޮތުން މި އެއަރލައިނުން އާއްމުގޮތުގައި ދަތުރުތައް ކުރާނީ ޗުއްޓީއަށް މީހުންދާ މަންޒިލްތަކަށެވެ. އަދި ޗާޓަރ ދަތުރުތައްވެސް މިފަދަ އެއަރލައިންތަކުން އާއްމުގޮތެއްގައި ކުރެއެވެ.

ކޮންޑޯ އެއަރލައިނުން ހާމަކުރާގޮތުގައި އަންނަމަހުގެ 18ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަރުމަނީގެ ފްރެންކްޕަރޓުން ރާއްޖެއަށް ކަމަށެވެ. ކޮންޑޯ އެއަރލައިނުން ހަފްތާއަކު ދެ ދަތުރު ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖެއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ އަދި ހޮނިހިރު ދުވަހުއެވެ.

މީގެކުރިންވެސް ފަތުރުވެރިކަމުގެ ހައި ސީޒަންތަކުގައި ކޮންޑޯ އެއަރލައިނުން ވަނީ ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ.

މިހާރުވެސް ޖަރުމަނުވިލާތުގެ ލުފްތަންސާ އެއަރލައިނުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ލުފްތަންސާއިން ރާއްޖެއަށް ދަތުރުތައް ކުރާނީ ޖަރުމަންވިލާތުގެ ފްރެންކްފަރޓް އިން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. ރާއްޖެއަށް އެ އެއަރލައިން އިން ދަނީ ހަފްތާއަކު 2 ފްލައިޓް ބާއްވަމުންނެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ބުދަ އަދި އާދިއްތަ ދުވަހުއެވެ.

ޖަރުމަނުވިލާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން މިމަހުގެ 25ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަންވިލާތުން ރާއްޖެއަށް 3،523 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ. ޖަރުމަންވިލާތަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ އަދަަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ޤައުމުކަން ފާހަގަކޮށްލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލުމާއިއެކު މިހާތަނަށް ބައިނަލްއަޤްވާމީ 14 އެއަރލައިނަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. އަދި ޑިސެމްބަރު މަސް ނިމުމުގެ ކުރިން އިތުރު 10 އެއަރލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.