ޚަބަރު

ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލައި ކަނޑުމަތީގައި މުޒާހަރާކޮށްފި


ކުރީގެ ރައީސް ޔާމީނަށް ޖަލުޙުކުމް އިއްވިތާ އަހަރު ފުރުމާ ގުޅުވައިގެން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިއަދު ކަނޑުމަތީގައި މުޒާހަރާ ކޮށްފިއެވެ.

މިއަދު މެންދުރުން ފެށިގެން ހުޅުމާލެއިން ފުރި ދޯނިތަކެއްގައި އިދިކޮޅުކޯލިޝަނުންވަނީ ރައީސް ޔާމީނަށް އަނިޔާދޭކަމަށް ތުހުމަތުކޮށް، އެމަނިކުފާނު މިނިވަން ކުރަންވަނީ ގޮވާލާފައެވެ.

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިއަދު މުޅި ރާއްޖޭގައި މުޒަހާރާގެ ހަރަކާތްތައް ހިންގުމަށް ނިންމާފައިވެއެވެ. އެއާއެކު މިއަދު ހަވީރު ބައެއް ރަށްރަށުގައިވެސް މުޒާހަރާގެ ހަރަކާތްތަކެއް ހިންގާފައެވެ.

މަނީ ލޯންޑްރިންގގެ ޢަމަލެއް ހިންގުމުގެ ކުށުން، ސާބިތުވެ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން 5 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމާއެކު 5,000،000.00 (ފަސްމިލިއަން) ޔޫއެސް ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް 28 ނޮވެންބަރު 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކޮށްފައެވެ. އެއާއެކު ރައީސް ޔާމީން ގެންދަވަނީ އެޙުކުމް ތަންފީޒުކުރައްވަމުންނެވެ.