ވިޔަފާރި

ބިގް ސެވެން ޓްރެވެލް ގައިޑުގެ އޭޝިއާގެ އެންމެ ރަނގަޅު ކޮފީ ޝޮޕްތަކުގެ ތެރޭގައި މެރާކީ


އޭޝިއާ ބައްރުގެ އެންމެ ފާހަގަ ކޮށްލެވޭ ކޮފީ ޝޮޕްތަކުގެ ތެރޭގައި ރާއްޖޭގެ މެރާކީ ކޮފީ ރޯސްޓާސް ހިމެނިއްޖެއެވެ.

މިޝަރަފު އެތަނަށް ލިބުނީ 'ބިގް ސެވެން ޓްރެވެލް ގައިޑް'ގެ އޭޝިއާގެ އެންމެ ފާހަގަ ކޮށްލެވޭ 50 ކޮފީ ޝޮޕުގެ ތެރޭގައި ހިމެނިގެންނެވެ. މިލިސްޓުގައި މެރާކީ ހިމެނިފައިވަނީ، 25 ވަނައިގައެވެ. މިލިސްޓުގައި ދެކުނު އޭޝިއާ ސަރަހައްދުން ރާއްޖެއަށް ވުރެ ކުރި ހޯދާފައިވަނީ އިންޑިއާގެ މުމްބައީގައި ހުންނަ ކޭސީ ރޯސްޓާސް އިންނެވެ. އެތަން ހިމެނުނީ ލިސްޓުގެ 22 ވަނައިގައެވެ.

މެރާކީ އާއި ބެހޭ ގޮތުން ބިގް ސެވެން އިން ބުނެފައިވަނީ، މެރާކީ އަކީ ރާއްޖޭ އެންމެ ރަނގަޅު އަދި އެންމެ މަޤްބޫލު ކޮފީ ރޯސްޓަރ ކަމަށެވެ. އަދި ކޮފީ މެނޫ ޤަވާއިދުން ބަދަލުކޮށް ކޮފީ ރޯސްޓު ކުރަނީ އެތަނުގައި ކަމަށް ބިގް ސެވެން އިން ވަނީ ބުނެފައެވެ.

ބިގް ސެވެންގެ ލިސްޓުތައް އެކުލަވާލަނީ ކިއުންތެރިންގެ ޚިޔާލާއި ސާވޭތަކާއި، އެޑިޓޯރިއަލް ޓީމުން ކަމަށް އެފަރާތުން ބުނެއެވެ. ބިގް ސެވެން ޓްރެވެލް ގައިޑަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އެންމެ މަޤްބޫލު ތަންތަން ޝާއިއު ކުރާ ޓްރެވެލް ގައިޑެކެވެ.

މެރާކީގެ ވެރިޔާ މަބްރޫކް އަޒީޒަކީ އެމެރިކާގެ ސްޕެޝަލިޓީ ކޮފީ އެސޯސިއޭޝަނުން ތަމްރީނު ލިބިފައިވާ ބޭފުޅެކެވެ.

އޭޝިއާގެ އެންމެ ފާހަގަ ކޮށްލެވޭ ކޮފީ ޝޮޕްގެ ގޮތުގައި މިލިސްޓުގައި ފާހަގަ ކޮށްފައިވަނީ، ޓައިވާނުގެ ޓައިޕޭގައި ހުންނަ ސިމްޕަލް ކައްފާއެވެ. މިއީ މިލަޤަބު އެތަނުން ހޯދި ދެވަނަ އަހަރެވެ.