ޚަބަރު

ބަޖެޓް ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މާދަމާ ބަހުސް ފަށަނީ


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް މާދަމާގެ ޖަލްސާގައި ބަހުސް ފެށުމަށް އެޖެންޑާކޮށްފިއެވެ. ބަޖެޓް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލާފައިވާއިރު، މިހާރު ބަޖެޓް ރިޕޯޓް ވަނީ މަޖިލީހުގެ ހުރިހާ މެންބަރުންނަށްވެސް ފޮނުވާފައެވެ.

އަދި ބަޖެޓް ކޮމިޓީގެ ރިޕޯޓަށް ބަހުސް ފެށުމުގެ ކުރިން މެންބަރުންނަށް މަޖިލީހުގެ ޤަވާއިދުގައި ބުނާ 3 ދުވަސް ދިނުމަށްފަހު މާދަމާ ބަހުސް ފަށާއިރު، މެންބަރުން ބޭނުންވާ އިޞްލާހުތައް ތަޅުމުގައި ގެނައުމުގެ ފުރުޞަތުވެސް ލިބިވަޑައިގަންނަވާނެއެވެ. ބަޖެޓް ކޮމިޓީގެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓްގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެއެވެ.

ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު، ދައުލަތުން ބަޖެޓް ފޮނުވިއިރު އޮތްގޮތަށް ބައެއް ބަދަލުތައް ވަނީ ގެނެސްފައެވެ. އެގޮތުން ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އައު ބަޖެޓަށް އިތުރުކުރި 200 މިލިއަން ރުފިޔާއާއެކުއެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބަޖެޓަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ. އެގޮތުން އެވްރެޖްކޮށް ކޮންމެ މުއައްސަސާއަކަށް ދޮޅު މިލިއަން ރުފިޔާއާއި 2 މިލިއަން ރުފިޔާއާއި ދެމެދުގެ ޢަދަދަކަށް ފައިސާ އިތުރުކޮށްދީފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަކުރުމަށާއި، ބަޖެޓް ތަންފިޒްކުރުމަށް 12 ރިޕޯޓްގައި ރެކޮމަންޑޭޝަން ހިމަނާފައިވެއެވެ.

ބަޖެޓް ރިޕޯޓަށް ބަހުސްކޮށް ނިންމައި މިހަފްތާގެ ތެރޭގައި ބަޖެޓް ފަސްކުރަނެކަމަށް ވަނީ ލަފާކޮށްފައެވެ.