ކުޅިވަރު

ނޯޔާ މިވަގުތު ހުރީ މުޅި ކެރިއަރުގައިވެސް ފެނުނު އެންމެ ރަނގަޅު ފޯމުގައި - ހެންސީ ފްލިކްސް


ބަޔާން މިޔުނިކްގެ ގޯލްކީޕަރު މެނުއެލް ނޯޔާ މިވަގުތު ހުރީ މުޅި ކެރިއަރުގައިވެސް ފެނުނު އެންމެ ރަނގަޅު ފޯމުގައިކަމަށް ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.

ޖަރުމަނާއި ބަޔާން މިޔުނިކްގެ ކެޕްޓަން ނޯޔާވަނީ އެންމެ ފަހުން އޭނާ ކުޅުނު މެޗުގައި މޮޅެތި ސޭވްތަކެއްކޮށްފައެވެ. މިގޮތުން އެންމެ ފަހުން ޗެމްޕިއަންސް ލިގުގައި ސަލްޒްބާގާއި ދެކޮޅަށް ކުޅުނު މެޗާއި، ޖަރުމަން ބުންޑަސް ލީގާގައި ވާޑާ ބްރޭމަންއާއި ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްލެވެއެވެ. މި ދެ މެޗުގައިވެސް ގޯލްކީޕަރު ނޯޔާ މޮޅެތި ސޭވްތަކެއް ކުރިއެވެ.

34 އަހަރުގެ ގޯލް ކީޕަރާއި ގުޅޭ ގޮތުން ބަޔާން މިޔުނިކްގެ ކޯޗު ބުނީ ނޯޔާ މިވަގުތު ހުރީ މުޅި ކެރިއަރަށް ބަލާއިރުވެސް އެންމެ ފާހަގަކޮށްލެވޭ ފޯމުގައިކަމަށާއި، ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ކުރި 10 ސޭވުންވެސް އެކަން އެނގިއްޖެކަމަށެވެ. އަދި ނޯޔާ ކަހަލަ ކީޕަރެއް އެކުލަބުގައި ހުރުމަކީ ބަޔާންގެ ނަސީބުކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ ސީޒަންގައި ބަޔާނަށް 5 ތަށި ކާމިޔާބުކުރުމުގައިވެސް ނޯޔާވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.