ވިޔަފާރި

މިއީ ފަތުރުވެރިކަމަށް އައު އުކުޅުތައް ތަޢާރަފްކުރަންވީ ވަގުތު - މިނިސްޓަރ މަޢުޞޫމް

މިއީ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ފުރުސަތު ހޯދައި އައު އުކުޅުތައް ތަޢާރަފްކުރަންވީ ވަގުތުކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޢުޞޫމް މިހެން ވިދާޅުވީ، "ދަ ސްޓޭންޑިންގ ކޮމިޓީ ފޯރ އިކޮނޮމިކް އެންޑް ކޮމާޝަލް ކޯޕަރޭޝަން އޮފް ދަ އޮގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން" (ކޮމްސެކް) ގެ 36ވަނަ ބައްދަލުވުމުގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ "ޕްރޮމޯޓިންގ އެންޓަރޕްރެނިއަރޝިޕް ފޯ ޓޫރިޒަމް އިންޑަސްޓްރީ ކޮންޕެޓެޓިވްނަސް" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ.މަޢުޞޫމް ވަނީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތަކާއި ލިބެމުންދާ ކާމިޔާބީތަކަށް އަލިއަޅުއްވައިލައްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަށްގެންދިއުމުގައި ސަޤާފީ ފަތުރުވެރިކަމާއި ހަލާލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ހޯދަމުންދާ ކާމިޔާބުގެ ސިއްރަކީ އިންޑަސްޓްރީގެ ބައިވެރިންގެ މިންނަތް މަސައްކަތްކަން ފާހަގަކުރައްވައި އެފަރާތްތަކަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިމަހުގެ 25އިން 26އަށް ކުރިއަށްދިޔަ މިއަހަރުގެ ކޮމްސެކްގެ ބައްދަލުވުން ހުޅުވައިދެއްވީ ކޮމްސެކްގެ ޗެއަރމަން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނެވެ. ކޮމްސެކް އަކީ އޮގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން، )އޯއައިސީ(ގައި ހިމެނޭ 4 ދާއިމީ ކޮމިޓީގެ ތެރެއިން އެއް ކޮމިޓީއެވެ. މޮމްސެކްގެ މެންބަރު ޤައުމުތަކުގެ ތެރޭގައި 57 ޤައުމެއް ހިމެނެއެވެ. މި ބައްދަލުވުމުގައި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ.ޔޫސުފް ބިން އަޙްމަދު އަލް އޮތައިމީންއާއި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ބައެއް އިންޓަނޭޝަނަލް އޮގަނައިޒޭޝަންގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.