ޚަބަރު

ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރެވޭނީ ދައުލަތުގެ ތިން ބާރުގެ އެހީތެރިކަން ލިބިގެން: އޭސީސީގެ ރައީސާ


ކޮރަޕްޝަނާއި ފަސާދައިން ޤައުމު ސަލާމަތްކުރުމަކީ އުނދަގޫ މަސައްކަތެއްކަމަށާއި، އެހެންކަމުން އެކަމަށް ދައުލަތުގެ ތިން ބާރުގެ އެއްބާރުލުން ދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ގޮވާލައްވައިފިއެވެ.

ޝިއުނާ މިކަމަށް ގޮވާލެއްވީ އެކޮމިޝަންގެ 2020އިން 2024އަށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އޭސީސީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވީ، އެކޮމިޝަނުން އިފްތިތާޙުކުރި ސްޓްރެޓީޖިކް ޕްލޭން އެކުލަވާލާފައި ވަނީ ވަށައިޖެހޭ "މޮނިޓަރިންގ އެންޑް އިވެލުއޭޝަން" ނުވަތަ ތަންފީޒު ކުރެވޭ ގޮތް ބެލޭ އަދި ނަތީޖާ ވަޒަންކުރެވޭނެ ފުރިހަމަ ނިޒާމަކާއިއެކު ކަމަށެވެ. އަދި މި ޕްލޭނަކީ، ޤާނޫނީގޮތުން އޭސީސީ އާއި ހަވާލުވެފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ހުޅުވިގެންދާ ވަރަށް ފުރިހަމަ މަގެއްކަމަާއި، ދައުލަތުގެ ނަޒާހަތްތެރިކަން ކުރިއެރުވުމާއި، ދިވެހި މުޖުތަމައަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖުތަމަޢަކަށް ވުމަށް އެކޮމިޝަނުން ދެކެމުންދާ ތަޞައްވުރަށް ވާޞިލުވުމަށް އެހީތެރިވެދޭނެ ޕްލޭނެއްކަމަށް ޝިއުނާ ވިދާޅުވިއެވެ.

"މި ޕްލޭންގެ އެހީގައި، ކޮމިޝަނުގެ ޤާބިލުކަން އިތުރުކޮށް، މަސައްކަތްތަކުގެ އިޖުރާއަތުތައް ހަރުދަނާކޮށް، ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު، ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށް އެކުއެކީ މަސައްކަތްކުރެވޭނެކަމަށް އަޅުގަނޑު އުއްމީދުކުރަން. މި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި އެހެނިހެން ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް މިކޮމިޝަނަށް ބޭނުންވާކަން މިފުރުޞަތުގައި ދަންނަވަން." އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވިއެވެ.

ކޮރަޕްޝަނާ ފަސާދައިން ޤައުމު ސަލާމަތްކުރުމަކީ އުނދަގޫ އަދި ބުރަ މަސައްކަތެއްކަން ފާހަގަކުރައްވަމުން ޝިއުނާ ވިދާޅުވީ، ކުށްވެރިންނަކީ އަބަދުވެސް ކުށްކުރުމުގައި ދެމިހުރުމަށްޓަކައި ޒަމާނީ ވަޞީލަތްތަކުގެ ތެރެއިން އައު ގޮތްތައް އަބަދުވެސް ހޯދާނެ ބައެއްކަމަށާއި، އެހެންނަމަވެސް، އެފަދަ ފަރާތްތަކާ ކުރިމަތިލުމުގެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން، މިއަދު އިފްތިތާޙު ކުރި ޕްލޭނަކީ އޭސީސީގެ މަޤްޞަދު ހާސިލުކުރުމަށް ލިބިގެންދާ އިތުރު ފުރުޞަތެއްކަމުގައި ޝިއުނާ ވިދާޅުވިއެވެ.

"ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަކީ ކޮމިޝަނަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫން. ޚާއްޞަގޮތެއްގައި ދައުލަތުގެ ތިންބާރުގެ ފުރިހަމަ އިތުބާރާއި އެހީތެރިކަމާއި އާންމު ފަރުދުންގެ އެއްބާރުލުން ކޮމިޝަނަށް އަބަދުވެސް ބޭނުންވޭ." އޭސީސީގެ ރައީސާ މަރްޔަމް ޝިއުނާ ވިދާޅުވިއެވެ.

ޝިއުނާ ވިދާޅުވީ، އެކޮމިޝަނުން އިފްތިތާޙުކުރި ޕްލޭނާއިއެކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ޤައުމީ ފެންވަރުގެ ނެޝަނަލް އެންޓި-ކޮރަޕްޝަން ޕްލޭނެއް ހަދައި ތަންފީޒުކުރުމުގެ މަސައްކަތްް މިހާރު ފަށާފައި ވާކަމަށެވެ.