ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން ޑިސެމްބަރު 4 އާއި ހަމައަށް ފަސްކޮށްފި


އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން އަނެއްކާވެސް އިތުރު 7 ދުވަސް ފަސްކޮށް އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުނުގެ ހުއްދަ ދިނުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމެންޓުން މިމަހުގެ 13 ވަނަ ދުވަހު ވަނީ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމަށް ޓިކްޓޮކް ހިންގާ ބައިޓް ޑާންސަށް 15 ދުވަހުގެ މުހުލަތެއް ދީފައެވެ. މި މުހުލަތު މިމަހުގެ 27ށް ހަމަވާއިރު، މިކަމުގައި އެއްބަސްވުމަކަށް ދެ ފަރާތުން އާދެވިފައެއް ނުވެއެވެ. މި ސަބަބައްޓަކައި އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމެންޓުން މިހާރު މިވަނީ އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން އަނެއްކާވެސް އިތުރު 7 ދުވަހުގެ މުހުލަތެއް އިތުރުކޮށްދީފައެވެ. އެ އިދާރާއިން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގައި ޓިކްޓޮކް މަނާކުރާން މިހާރު ނިންމާފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހުންފެށިގެން ކަމަށެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރާއި ޓިކްޓޮކާއި ދެމެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން ސަރުކާރުން ނިންމާފައި އޮތް ނިންމުން، މަޑުޖައްސާލަން އެމެރިކާގެ ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓް ޑާންސްއިން ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މިކަމުގައި ސުލްހަވެރި ހައްލަކަށް އާދެވޭތޯ ދެ ފަރާތުންވެސް މަސައްކަތްކުރިއެވެ. އެގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމަށް އެމެރިކާގެ އޮރެކަލް ކުންފުންޏާއެކު އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ކޮޅެއްގައި ޖެއްސުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް އިތުރު މުހުލަތެއް ދީފައެވެ.

އެހެންނަމަވެސް، މި މައްސަލަ އަނެއްކާވެސް ހޫނުވެގެން ދިޔައީ ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ ނުވަތަ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކުންފުނިތަކަކަށް ނުދީ އެ ޤައުމުގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ނޫނީ މި އެއްބަސްވުން ޤާއިމު ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގައި ހުރި ޑިޕްލޮމެޓިކް އެހެން މައްސަލަތައް ފަދައިން މި މައްސަލައިގައިވެސް ޖޯބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގަތުމުން ބަސްމަގު ބަދަލުވުން އެކަށީގެންވާކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. މި މައްސަލާގައި އެމެރިކާގެ ސަރުކާރުން ވާހަކަދާއިރު، ޗައިނާ ސަރުކާރުގެ ރުހުންވެސް އެއްބަސްވުމަށް ލިބިގެން ނޫނީ މި އެއްބަސްވުން ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް މި އެއްބަސްވުމަށް ޗައިނާއިން ރުހުން ދިނުމަކީ ދުރުކަމެއްކަމަށް ޚަބަރުތައް ބުނެއެވެ.