ޚަބަރު

ޖަމިއްޔާތަކާއެކު ހިންގާ ޕްރޮގްރާމްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އަމާޒެއް: މިނިސްޓަރ މަހްލޫފް


މަދަނީ ޖަމިއްޔާތަކާއިއެކު ހިންގާ ޕްރޮގްރާމްތައް އިތުރުކޮށް އެ ޕްރޮގްރާމްތަކުން ރަނގަޅު ނަތީޖާތަކެއް ނެރުމަކީ އަމާޒެއްކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މަޚުލޫފް މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ހުވަދޫ އެއިޑް ޖަމްއިއްޔާ އާއި ގުޅިގެން ކުރިޔަށްގެންދާ "ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޔޫތު މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޖަމިއްޔާތަކާއިއެކު މަސައަތްކުރުމަކީ ޔޫތު މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން އެންމެ މުހިންމު އެއް ބައި ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައިވެސް ޖަމިއްޔާތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ފެންވަރުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއެކުވެސް ޕްރޮގްރާމްތައް ހިންގިފައިވާ ކަމަށާއި އަދި މުޖުތަމަތު ބާރުވެރިކުރުމަށް އެކިއެކި ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ޕްރޮގްރާމްތައް ހިންގިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ މަހްލޫފް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައިވެސް ވީހާވެސް ގިނައިން މިފަދަ ހަރަކާތްތައް އިތުރުކޮށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ އުއްމީދެއްކަމަށެވެ.

ޖަމިއްޔާތަކަށް އަމާޒުކޮށްގެން ގްރާންޓް ޕްރޮގްރާމެއް ހުޅުވާލިކަން ފާހަގަކުރައްވައި މިނިސްޓަރ މަހްލޫފް ވިދާޅުވީ، ކޯވިޑް-19ގެ ސަބަބުން އެ ޕްރޮގްރާމްގެ މަސައްކަތް ހުއްޓުނު ނަމަވެސް އުއްމީދަކީ އަންނަ އަހަރުގެ ތެރޭގައި އެ ޕްރޮގްރާމްގެ މަސައްކަތް ކުރިޔަށް ގެންދިޔުން ކަމަށެވެ. އަދި މި ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕާއެކު ގްރާންޓް ޕްރޮގްރާމަށް ގިނަ ޖަމިއްޔާތަކަކުން ޕްރޮޕޯސަލް ހުށަހަޅުއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިފަދަ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި މިނިސްޓަރ މަހްލޫފް ވަނީ ހުވަދޫ އެއިޑްއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ވޯކްޝޮޕް ކުރިޔަށް ގެންދަނީ މަދަނީ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކަމަށްވާއިރު މިފަހަރު ވޯކްޝޮޕްގައި 44 ޖަމިއްޔާއަކުން ވަނީ ބައިވެރިވެފައެވެ. މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު މިފަހަރުގެ ވޯކްޝޮޕް ކޮވިޑް 19 އާ ގުޅިގެން ކުރިޔަށް ގެންދަނީ ވަރޗުއަލްކޮށެވެ. މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައި ވަނީ އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތަކުގެ މައްޗަށެވެ. މަދަނީ ޖަމިއްޔާތަކަށް އަމާޒުކުރެވިގެން މިފަދަ އިތުރު ޕްރޮގްރާމްތައް ވެސް ކުރިޔަށް އޮތް ތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.