ތަޢުލީމު

ބަންގްލަދޭޝް މެޑިކަލް އިންސްޓިޓިއުޝަންތަކުގެ ފެއާރ


"އެކްސެސް ސްޓަޑީ އެބްރޯޑް"ގެ ނަމުގައި ބަންގްލަދޭޝްގެ މެޑިކަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އެޑިއުކޭޝަން ފެއަރ އެއް ބާއްވާއިފިއެވެ. އެއް ދުވަހުގެ މުއްދަތަކަށް އިސްލާމިކް ޔުނިވަރސިޓީގައި ކުރިއަށްދިޔަ މި ފެއަރ ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަޙްމަދު އަދި ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިއާ އެޑްމިރަލް ކާޒީ ސަރްވާރް ހުސެއިނެވެ. އެކްސެސް ސްޓަޑީ އެބްރޯޑް އެޑިއުކޭޝަން ފެއަރއަކީ ބަންގްލަދޭޝްގެ މެޑިކަލް އިންސްޓިޓިއުޝަންތަކުން ރާއްޖޭގެ ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރާއްޖޭގައި ބޭއްވުނު މިފަދަ ފުރަތަމަ އެޑިއުކޭޝަން ފެއަރއެވެ. މި ފެއަރ އިންތިޒާމް ކުރާ ފަރާތްކަމަށްވާ އެކްސެސް ވޯލްޑް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޑެޓުން ބުނީ މިފަހަރުގެ ފެއަރގައި ބަންގްލަދޭޝްގެ 11 ޔުނިވަރސިޓީއަކުން ބައިވެރިވެފައިވާކަމަށެވެ. އަދި މި އެގާރަ ޔުނިވަރސިޓީއަކީވެސް ބަންގްލަދޭޝްގެ މެޑިކަލް ކައުންސިލުން އެޕްރޫވްކުރާ، އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންނާއި ރާއްޖޭގެ މެޑިކަލް ކައުންސިލުންވެސް ޤަބޫލުކުރާ މިންގަނޑުތަކާއި އެއްގޮތަށް ކިޔަވައިދެމުންދާ ތަންތަންކަމަށެވެ.ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން އެކްސެސް ވޯލްޑް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާދިލް ވިދާޅުވީ، ރާއްޖޭގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ފެއަރއެއް ބޭއްވުމުގެ އެންމެ ބޮޑު މަޤުސަދަކީ ބަންގްލަދޭޝްއަކީވެސް ފުޅާ ދާއިރާއެއްގައި މެޑިކަލްގެ ދާއިރާއިން ކުރިއަރާފައިވާ ޤައުމަކަށްވެފައި، ދިވެހި ދަރިވަރުންނަށް ބަންގްލަދޭޝްގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކުގެ ބޭފުޅުންނާއި ބައްދަލުކޮށް، އެތަންތަނުގެ ހުރި ފުރުސަތުތަކަކީ ކޮބައިކަން އޮޅުންފިލުވައި، ޕްލޭސްމަންޓް ނުވަތަ ޖާގަ ހޯދައިދިނުންކަމަށެވެ. އަދި އެފަރާތުން މިކަން ކޮށްދެނީ ހިލޭ ސާބަހަށްކަމަށާއި، ޕްލޭސްމަންޓް ފީއެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭނެކަން އާދިލް ފާހަގަކުރެއްވިއެވެ. އާދިލް ވިދާޅުވީ، އެކްސެސް ވޯލްޑް އިންޓަރނޭޝަނަލަކީ އެއްވެސް ހާލެއްގައި އޭޖެންޓެއްގެ ގޮތުގައި މަސަކަތް ކުރާ ކުންފުންޏެއް ނޫންކަމަށެވެ. އަދި އެކުންފުނިން މަސައްކަތްކުރަނީ ރާއްޖޭން ބޭރުން މަތީ ތަޢުލީމުގެ ފުރުސަތު ބޭނުންވާ ފަރާތްތަކަށް އިތުބާރު ކުރެވޭނެ ފަދަ ނިޒާމެއްގެ ތެރެއިން ރާއްޖޭން ބޭރުގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އާދިލް ވިދާޅުވިއެވެ. ޕީ.އެސް.އެމްއާއި ވާހަކަދެއްކެވި ބައެއް ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުން ވިދާޅުވީ، މިއީ އަހަރުގެ ފަހުކޮޅުކަމަށްވެފައި، ގިނަ ކުދިން މިހާރު ތިބޭނީ އެކި ޔުނިވަރސިޓީތަކަށް ޕްލޭސްމަންޓަށް އެޕްލައިކޮށްގެން ކަމަށްވުމުން، މިފަހަރުގެ ފެއަރއިން މާބޮޑު ނަތީޖާއެއް ނެރެވިދާނެކަމަށް އުއްމީދު ނުކުރެވޭކަމަށެވެ. ނަމަވެސް މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް އަހަރުތަކުގައި މި ފެއަރއަށް އޮންނަ ތަރުހީބު ބޮޑުވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް އެފަރާތްތަކުން ވިދާޅުވިއެވެ. މިފަހަރުގެ ފެއަރ މެޑިކަލް އިންސްޓިޓިއުޝަންތަކަށް ޚާއްސަ ކުރެވުނު ނަމަވެސް، ކުރިއަށް އޮތްތާގައި، އެކި ދާއިރާތަކާއި ގުޅޭ ބަންގްލަދޭޝްގެ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް އަމާޒުކޮށްގެން މިފަދަ އެޑިއުކޭޝަން ފެއަރތައް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެކްސެސް ވޯލްޑް އިންޓަރނޭޝަނަލުން ހާމަކުރެއެވެ.  މި ފެއަރ ހުޅުއްވައިދެއްވުމުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަޙްމަދާ ބަންގްލަދޭޝްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ މިފަހަރުގެ ފެއަރގައި ބައިވެރިވި ޔުނިވަރސިޓީތަކުގެ އޮފިޝަލުންނާއި ބައްދަލުކުރައްވާ، ބަންގްލަދޭޝްގައި ހުރި މަތީ ތަޢުލީމުގެ ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުވާފައެވެ.