ތަޢުލީމު

2014 ގައި މުޙްޔިއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް ސުޒާން


2014 ވަނަ އަހަރު ވިލިމާލޭ މުޙްޔިއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މަރިޔަމް ސުޒާން ވަހީދު ހޮވިއްޖެއެވެ.މުޙްޔިއްދީން ސްކޫލުގެ މިދިޔައަހަރު ހުރިހާގޮތަކުން  އެންމެ ރަނގަޅު ދަރިވަރު، ސުޒާންވަނީ އެ ސްކޫލްގެ ތަފާތު މަގާމްތައް އަދާކުރުމުގެ އިތުރުން ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ގައުމީ ގަދަދިހައެއްގެ ފަސްވަނަވެސް ހޯދާފައެވެ.2004 ވަނަ އަހަރު ވިލިމާލޭ މުޙްޔިއްދީން ސްކޫލުގެ ގްރޭޑް ހަތަރެއްގައި ތައުލީމް ހާސިލް ކުރަންފެށި މަރިޔަމް ސުޒާން ވަހީދަކީ ވޭތުވެދިޔަ އަހަރާއި ހަމައަށް ކޮންމެ ޓާމެއްގައިވެސް ކޮމެންޑެޑް ރިޕޯޓާއި، އޮނަލިސްޓެޑް ރިޕޯޓް ހޯދި ދަރިވަރެކެވެ. ހަމައެހެންމެ ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރިވަރެކެވެ.ރޭ ބޭއްވި މުޙްޔިއްދީން ސްކޫލްގެ 2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ދެއްވާ އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މުޙްޔިއްދީން ސްކޫލުން ދޭ އިނާމާއި ހަނދާނީިލިއުމާއި ޓްރޮފީ އަދި ސޭޝް ސުޒާންއާއި، ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހެމާން ކުއްލިއްޔާގެ ކުރީގެ ރެކްޓަރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.ސުޒާން ބުނީ، ދިހަ އަހަރުވަންދެން ކުރި މަސައްކަތުގެ އެންމެ ފޮނި ނަތީޖާ އިހްސާސް ކުރެވުނީ ސްކޫލުގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނުކަން އިނގުމުންކަމަށާއި، މަންބަފައިންގެ މިންނެތް މަސައްކަތުން ކާމިޔާބު ދަރިވަރަކަށް ވުމަށް މުދައްރިސުންނަށް އިހްތިރާމްކޮށް މުދައްރިސުންގެ އިރުޝާދުތަކަށް ތަބާވެ މުދައްރިސުންނާއި، އޮންނަޖެހޭ ގުޅުން ރަނގަޅުވުމަކީ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ދެކޭކަމަށެވެ. އެޑިއުކޭޝަން މިނިސްޓަރާއި އެމިނިސްޓްރީގެ އިސްބައެއް ވެރިންް ބައިވެރިވި މިޖަލްސާގެ ޝަރަފްވެރި މެހެމާން ކުއްލިއްޔާގެ ކުރީގެ ރެކްޓަރ އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ، ގައުމު ބިނާ ކުރުމައްޓަކައި މައިން ބަފައިންނާއި، މުދައްރިސުންނަކީ އެންމެ އިސްދައުރެއް އަދާކުރާ ފަރާތްތައް ކަމަށާއި، އެފަރާތްތަކުން ދައްކާ ރިވެތި މަގުން ދިޔުން މުހިންމުކަމަށެވެ. އަދި ގައުމަށް ޚިދުމަތް ކުރުމުގެ ހުރިހާ ސިފަތަކެއް އިލްމު އުނގެނޭ ދަރިވަރުންތަކެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށާއި، ގައުމަށް ފައިދާހުރި ކަމެއް ކުރުމުގެ ކުރީން، ތިމާގެ ފުށުން ގައުމައް ލިބިދާނެ ގެއްލުމަކީ ކޮބައިކަން ވިސްނައި ގެއްލުމެއް ނުވާނެކަން ކަށަވަރުކޮށްގެން ކުރިއަށްދިއުމަކީ މުހިންމު ކަމެއްކަމަށްވެސް އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ.މުޙްޔިއްދީން ސްކޫލުގެ ކިޔެވުމުގެ ފެންވަރު ކޮންމެވެސް ވަރަކަށް ހީނަރުވެފައި އޮތުމަށްފަހު، ތައުލީމި ވުޒާރާ އާއި އެސްކޫލްގެ އާމެނޭޖްމަންޓްގެ އިތުރުން ބެލެނިވެރިންގެ މަސައްކަތުން ވޭތުވެދިޔަ 2 އަހަރު ސްކޫލްގެ ދަރިވަރުންގެ ނަތީޖާ ރަނގަޅުވަމުން ދާކަމަށާއި، 2014 ވަނަަ އަހަރު އެސްކޫލްގެ 6 ދަރިވަރަކު ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާކަން ސްކޫލުން ފާހަގަކުރެއެވެ.ރޭގެ ޖަލްސާގައި އެކި އެކި ވަނަތަކަށް ހޮވުނު މުޙްޔިއްދީން ސްކޫލްގެ ސަތޭކައަށްވުރެ ގިނަ ދަރިވަރުންނަށްވަނީ އިނާމުދީފައެވެ.