ވިޔަފާރި

ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ދާނީ އިތުރުވަމުން: ސަފީރު


އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ދާނީ އިތުރުވަމުންކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވެއްޖެއެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް 2020 ވަރޗުއަލް އިވެންޓްގައި، ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއާއި ދެމެދު ޤާއިމްކޮށްފައިވާ އެއަރ ބަބުލް އެގްރީމަންޓާއިއެކު އިންޑިއާގެ ގިނަ އެއަރލައިންތަކަކުން ރާއްޖެއަށް މިހާރު ދަތުރުތައް ކުރަމުން އަންނަކަމަށެވެ. އިންޑިއާގެ 5 ސިޓީއަކުން މިހާރު އަންނަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ. އެއީ ޓްރިވެންޑްރަމް، ކޮޗިން، ދިއްލީ މުމްބާއީ، އަދި ބެންގަލޫރެވެ. ސަފީރު ވިދާޅުވީ މީގެ ސަބަބުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ގޮސްފައިވާކަމަށެވެ. ޑިސެމްބަރ މަހަކީ އިންޑިއާގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރަން އެންމެ ގިނައިން ދަތުރުކުރާ ދުވަސްވަރުކަމުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ކުރިއަށްއޮތް ތަނުގައި އިތުރުވާނެކަމަށް ބެލެވޭކަމަށް ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުމުގައި ގިނަ ސަބަބުތަކެއް ހުރިކަން ސަފީރު ވަނީ ފަހަގަކުރައްވާފައެވެ. އޭގެތެރޭގައި ރާއްޖެއަކީ "ޔުނީކް ޑެސްޓިނޭޝަން" އަކަށް ވުމާއި، އިންޑިއާ އާއި ރާއްޖެއާއި ދެމެދު މިދިޔަ އަހަރު ޤާއިމްކުރި ވިޒާ ފްރީ އެގްރިމަންޓް އެއްބަސްވުން ހިމެނެއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމަށް ކުރެވޭ މަސައްކަތަކީވެސް އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދިޔަ ސަބަބެއްގެ ގޮތުގައި ސަންޖޭ ސުދީރު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާ ހައިކޮމިޝަންގެ ފަރާތުންވެސް އެ ޤައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކުރިއަށްއޮތް ތަނުގައި ޓްރެވެލް މާޓެއް ބޭއްވުމަށް މަސައްކަތްކުރަމުންދާކަމަށް ހައި ކޮމިޝަނުން ވިދާޅުވެއެވެ. މި ޓްރެވެލް މާޓްގައި އިންޑިއާ އާއި ރާއްޖޭގެ ޓުއަރ އޮޕަރޭޓަރުންނާއި، އެޖެންސީތަކަށް ބައިވެރިވެވޭނެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުގައި ޖުލައި މަހުގެ 15 އިން ފެށިގެން މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް 5449 ފަތުރުވެރިންނާއިއެކު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ އިންޑިއާއިންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލާއިރު 9.2 އިންސައްތައެވެ.