ވިޔަފާރި

ގެސްޓް ހައުސްތައް ޕްރޮމޯޓްކުރުމަށް ޙާއްސަ އިސްކަމެއްދީގެން މަސައްކަތްތަކެއް ކުރާނަން: ތޮއްޔިބު


ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށް ޙާއްސަ އިސްކަމެއްދީގެން ކުރިއަށްއޮތް ތަނުގައި މަސައްކަތްތަކެއް ކުރާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޓީޓީއެމް ޓްރެވެލް ސަމިޓް ވާޗުއަލްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ފާއިތުވި ތަނުގައި ރާއްޖޭގެ ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށް އެންމެ އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށެވެ. ނަމަވެސް މިހާރު ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމަށް ޙާއްސަ އިސްކަމެއްދީގެން އެ ކޯޕަރޭޝަނުން މަސައްކަތްކުރަމުންއަންނަކަމުގައި ތޮއްޔިބު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މާކެޓިންގ ސްޓްރެޓެޖީގެ ތެރެއިން ރިސޯޓްތަކާއި ސަފާރީތައް ޕްރޮމޯޓްކުރާއިރު ގެސްޓްހައުސް ސިނާއަތްވެސް ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް މިހާރު ކުރެވެމުންދާކަން ތޮއްޔިބު ފާހަގަކުރެއްވިއެވެ. ގެސްޓްހައުސް ސިނާއަތަކީ ފަތުރުވެރިންނަށް ދިވެހިންގެ ދިރިއުޅުން ފެނި ކުޑަ ބަޖެޓެއްގައި ޗުއްޓީ ހޭދަކޮށްލެވޭ ސިނާއަތެއްކަން ފާހަގަކުރައްވައި ތޮއްޔިބު ވަނީ ފެއަރތަކާއި ކެމްޕެއިންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް ހާއްސަކޮށް ގެސްޓްހައުސް ސިނާއަތް ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ. އަދި ތޮއްޔިބު ވަނީ އެމްއެމްޕީޢާރުސީގެ މެންބަރުންނަށްވުމަށް ގެސްޓްހައުސްތަކަށް ގޮވާލައްވާފައެވެ.

2021 ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހުރިހައި ފަރާތްތައް ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ ނަންބަރުތައް އިތުރުކުރުމަށް މަސައްކަތްކުރާނެ އަހަރެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. ޓީޓީއެމް ޓްރެވެލް ސަމިޓްގައި ވާހަކަދައްކަވަމުން ރާއްޖެ ޕްރޮމޯޓްކުރުމަށް ބައިނަލްއަޤްވާމީ ގިނަ ކެންޕެއިންތަކެއް މިއަހަރުގެ ތެރޭގައި ކުރިއަށްގެންގޮސްފައިވާކަމަށާއި އަދި މިއަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް ކެންޕެއިންތަކެއް ރޭވިފައިވާކަމަށް ތޮއްޔިބު ވަނީ ވިދާޅުވެފައެވެ.

ޓީޓީއެމް ޓްރެވަލް ސަމީޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ޓްރެވެލް ސަމިޓެވެ. ކޯވިޑް19 ގެ ސަބަބުން މިއަހަރުގެ ސަމިޓް ކުރިއަށްގެންދަނީ ވަރޗުއަލްކޮށްނެވެ.