ކުޅިވަރު

29 ރަށެއްގައި އައުޓްޑޯ ޖިމް އިންސްޓޯލްކުރުމަށް ސޮއިކޮށްފި


29 ރަށުގެ އައުޓްޑޯ ޖިމަށް ބޭނުންވާ ތަކެތި ރަށްރަށަށް ގެންގޮސް އިންސްޓޯލް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ ކްރިނޯޒް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީއެވެ. އަދި ކްރިނޯޒް ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިނާޔަތު ތައުފީގެވެ.

29 ރަށެއްގައި އައުޓްޑޯ ޖިމް ހެދުމުގެ މަސައްކަތަކީ އިންޑިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި ގާއިމްކުރާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން ކުރާ މަސައްކަތެކެވެ. މި 29 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމް ކުރުމުގެ މަސައްކަތް ކްރިނޯޒް ގްރޫޕާއި ހަވާލުކޮއްފައިވަނީ 4.4 މިލިއަން ރުފިޔާއަށެވެ.

އައުޓްޑޯ ޖިމް ގާއިމް ކުރުމަށް ހަވާލު ކުރެވުނު 29 ރަށުގެ ތެރޭގައި އއ. އަތޮޅުގެ 3 ރަށާއި، ދ. އަތޮޅުގެ ރަށަކާއި، މ. އަތޮޅުގެ 2 ރަށާއި، ފ. އަތޮޅުގެ 2 ރަށާއި، ތ. އަތޮޅުގެ 3 ރަށާއި، ލ. އަތޮޅުގެ 7 ރަށެއް ހިމެނެއެވެ. އަދި ގއ. އަތޮޅުގެ 4 ރަށާއި، ގދ. އަތޮޅުގެ 3 ރަށާއި، ފުވައްމުލައް ސިޓީގެ އިތުރުން އައްޑޫސިޓީގެ 3 އަވަށެއް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން އައުޓްޑޯރ ޖިމް ގާއިމްކުރެވިގެންދާނެ ރަށްތަކަކީ؛

  • އއ. ހިމަންދޫ
  • އއ. އުކުޅަސް
  • އއ. ތޮއްޑޫ
  • ދ. މީދޫ
  • މ. ވޭވަށް
  • މ. ނާލާފުށި
  • ފ. ދަރަނބޫދޫ
  • ފ. ފީއަލި
  • ތ. ހިރިލަންދޫ
  • ތ. ކިނބިދޫ
  • ތ. ކަނޑޫދޫ
  • ލ. މާވަށް
  • ލ. މާބައިދޫ
  • ލ. އިސްދޫ
  • ލ. ފޮނަދޫ
  • ލ. ހިތަދޫ
  • ލ. މާމެންދޫ
  • ލ. ގަން
  • ގއ. ކޮލަމާފުށި
  • ގއ. ކަނޑުހުޅުދޫ
  • ގއ. ކޮނޑޭ
  • ގއ. ދާންދޫ
  • ގދ. ގައްދޫ
  • ގދ. ތިނަދޫ
  • ގދ. ހޯޑެއްދޫ
  • ޏ. ފުވައްމުލައް
  • ސ. މަރަދޫ
  • ސ. ހިތަދޫ
  • ސ. މަރަދޫ-ފޭދޫ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށުގައި ގާއިމްކުރާ އައުޓްޑޯރ ޖިމްތަކުގެ ތެރޭގައި ހިމެނޭ، 32 ރަށެއްގައި ޖިމް އިންސްޓޯލް ކުރުމުގެ މަސައްކަތް، މިހިނގާ ނޮވެމްބަރު މަހުގެ 09 ވަނަ ދުވަހުވެސް ޔޫތު މިނިސްޓްރީން ވަނީ އަމިއްލަ ކުންފުންޏަކާއި ހަވާލުކޮށްފައެވެ.