ދުނިޔޭގެ ވިޔަފާރި

ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުޅުވާލާއިރު ކިއުއާރް ކޯޑް ބޭނުންކުރުމަށް ޗައިނާއިން ގޮވާލައިފި


ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުޅުވާލާއިރު ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ކޯވިޑް-19ގެ ކޭސްތައް އެންމެ ފުރަތަމަ ފެނުނު ޗައިނާގައި މި ބަލިމަޑުކަމުގެ ދުވަސްވަރު ވަނީ ކިއުއާރް ކޯޑް ބޭނުންކުރާ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށްފައެވެ.

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ 20 އިޤްތިޞާދު ހިމެނޭ ޖީ-20ގެ ވަރޗުއަލް ސަމިޓްގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންގް ޕިންގް ވަނީ ކޯވިޑްގެ ހާލަތުން އަރައިގަނެ އިޤްތިޞާދީ މަސައްކަތް ފަށާފައިވާ މި ދަނޑިވަޅުގައި ބައިނަލްއަޤްވާމީ ދަތުރުފަތުރު ވީހާވެސް އަވަހަށް ފެށުމަކީ މުހިންމުކަމެއްކަމަށެވެ. ދަތުރުފަތުރުކުރުމަކީ ޤައުމުތަކުގެ އާމްދަނީއާއި ސީދާ ގުޅިފައިވާކަމެއްކަން ފާހަގަކުރައްވާ ޗައިނާގެ ރައީސް ޝީ ވިދާޅުވީ، ރައްކާތެރި ގޮތެއްގައި މި ނިޒާމު ފެށުމަށް ހުރިހާ ޤައުމުތަކަކުން އަތުގުޅާލަން ޖެހޭކަމަށެވެ. ރައްކާތެރިކަން ކަށަވަރުކުރުމައްޓަކައި ޓެކްނޮލޮޖީގެ އެންމެ ފަހުގެ ވަސީލަތްތައް ބޭނުންކުރުން މުހިންމުކަމެއްކަން ޗައިނާގެ ރައީސް ވިދާޅުވިއެވެ.

ޗައިނާއިން ކޯވިޑްގެ ދަތިޙާލަތުގައި އެތެރޭގެ ދަތުރުތައް ހުޅުވާލިއިރު މިފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރިކަން ފާހަގަކުރައްވާ ޝީ ވަނީ، ދަތުރުތައް ހުޅުވާލާއިރު އޮންލައިންކޮށް ގިނަ މަޢުލޫމާތު ސްޓޯ ކުރެވޭ ނިޒާމެއް ބޭނުންކުރަންޖެހޭ ކަމަށެވެ. މިގޮތުން ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރު ފަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ގޮވާލެއްވިއެވެ. މިކަމަށް ފޯރުކޮށްދޭންޖެހޭ އެހީއާއި ތަޖުރިބާ ޗައިނާއިން ހިއްސާކުރާނެކަން އެ ޤައުމުގެ ރައީސް ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ދަތުރުފަތުރު ހުޅުވާލާއިރު ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރުފަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަށް ޗައިނާއިން ގޮވާލާފައިވާއިރު، ކޯވިޑްގެ ސަބަބުން އެޅިފިޔަވަޅުތަކަށް ލުއިތައްދީ އެތެރޭގެ އުދުހުންތައް ހުޅުވާލުމަށްފަހު އެ ޤައުމުގައި ދަނީ ކިއުއާރް ކޯޑް ސްކޭންކޮށްގެން ދަތުރުފަތުރު ކުރަމުންނެވެ. މޯބައިލް ފޯނުން ސްކޭންކުރާ މި ކިއުއާރް ކޯޑްގައި ދަތުރުވެރިޔާގެ ސިއްޙީ ހާލަތާއި، ދަތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތަކުގެ މަޢުލޫމާތު ވަނީ ސްޓޯކޮށްފައެވެ.

މި ނިޒާމުގެ ސަބަބުން އެކަކުއަނެކަކާއި ބައްދަލުވުން މަދުވެ ބަލި ކޮންޓްރޯލްކުރުމަށް ފަސޭހަވެފައިވާކަމަށް ޗައިނާގެ ސިއްޙަތާއި ބެހޭ އޮފިޝަލުން ވިދާޅުވެއެވެ. ޗައިނާގައި މިދިޔަ ފެބްރުއަރީ މަހު ބޭނުންކުރަން ފެށި މި ނިޒާމުގައި ދަތުރުވެރިޔާގެ ޙާލަތު އަންގައިދިނުމަށް ކުލަތައް ވަނީ ބޭނުންކޮށްފައެވެ. އެގޮތުން ސިއްޙީ ހާލަތު ރަނގަޅު ނަމަ ކިއުއާރް ފެހި ކުލައިން ފެންނައިރު، ރަތްކުލައާއި އޮރެންޖްކުލަ ފެނުމަކީ ބަލީގެ ނުރައްކާ އޮތްކަން އަންގާދޭކަމެއްކަން ބަލައި 2 ހަފްތާގެ ކަރަންޓީނަށް ދަތުރުވެރިން ފޮނުވާލުމުގެ އިންތިޒާމު މި ނިޒާމުގައި ވަނީ ކަނޑައަޅާފައެވެ.

މި ނިޒާމު ޤާއިމްކޮށްފައި ވަނީ ޗައިނާގެ ފައިނޭންޝަލް ޖަޔަންޓް އޭން ފައިނޭންޝަލުންނެވެ. އެގޮތުން މި ކިއުއާރްކޯޑް އަލީ ޕޭ އަދި ވީ ޗެޓުންވެސް ސްކޭންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.