ޚަބަރު

އެޗްއާރުސީއެމްއަށް މުނާ ޢައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް މ.ބާރަނާގެ މަރިޔަމް މުނާ ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް މުނާ ޢައްޔަންކުރުމަށް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ އިއްތިފާޤުންނެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިސްކަންދެއްވާ ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވެއެވެ. އެ 3 ބޭފުޅުންނަކީ މުނާގެ އިތުރުން، އއ.ތޮއްޑޫ، ފިނިވާގެ އަލްއުސްތާޛް އަހުމަދު ސަމީނާއި، ޅ.ހިންނަވަރު، ހިޔާވަހި، އަލްއުސްތާޛާ މަހީރާ މުޙައްމަދުގެ ނަންފުޅެވެ. ނަމަވެސް ނަންފުޅުތައް ދިރާސާކުރެއްވި ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ރުހުންދޭން ފެންނަކަމަށް ނިންމާފައިވަނީ މުނާއަށެވެ.

އެޗްއާރުސީއެމްގެ މެންބަރެއްގެ މަޤާމެއް ހުސްވެފައިމިވަނީ ކުރިން އެކޮމިޝަންގެ ނާއިބު ރައީސްގެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު މަގާމުން ވަކިކުރުމަށް ޖުލައި މަހުގެ 22ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހުން ފާސްކުރުމުން އޭނާގެ މަޤާމު ހުސްވުމުންނެވެ.

މުނާ ވަނީ 2012 އޯގަސްޓް އިން 2014 އޮގަސްޓް 26 އާއި ހަމައަށް ޕޮލިސް އިންޓްގްރިޓީ ކޮމިޝަންގެ ޑިރެކްޓަރ އޮޕަރޭޝަންސްގެ މަޤާމު އަދާކުރައްވާފައެވެ. އަދި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އޭނާ އަދާކުރައްވާފައިވެއެވެ. މުނާއަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވާން ޔުނިވަރސިޓީގެ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ކަނބަލެކެވެ. މީގެ އިތުރުން މުނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީން ޑިޕްލޮމާ އިން މެނޭޖްމެންޓް ވެސް ހާސިލް ކުރައްވައިފައެވެ.

އެޗްއާރުސީއެމްގައި ތިއްބަވަނީ 5 މެންބަރުންނެވެ. މިހާރު އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަޤާމުގައި ތިއްބެވީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު ޢައްޔަންކުރެއްވި ސ. ފޭދޫ، ޑޯރެންސީވިލާ، އާމިނަތު ޝިފާޢަތު ޢަބްދުއްރައްޒާޤާއި، މ.ޖިއެނާ، މުއުމިނާ ވަޙީދާއި މއ.މާވެޔޮގެ، ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲގެ އިތުރުން ކުރިން އެކޮމިޝަނަށް ޢައްޔަންކުރައްވާފައިވާ ނައިވީން އަބްދުﷲއެވެ.

އެޗްއާރުސީއެމް އަކީ އިސްލާމީ ޝަރީޢަތާއި، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މުޢާހަދާތަކާ އެއްގޮތްވާގޮތުގެ މަތިން، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރާ ޘަޤާފަތެއް ޤާއިމްކޮށް، އިންސާނީ ޙައްޤުތައް ދިފާޢުކުރުމަށް ދިވެހިރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތައް ބާރުވެރިކުރުވާ، އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، ޙިމާޔަތްކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކޮމިޝަނެކެވެ.