ދުނިޔޭގެ ވިޔަފާރި

މެލޭޝިއާ އެއާރލައިންސް ބަނގުރޫޓުވިޔަނުދީ ހިފެހެއްޓުމަށް ޚަޒާނާފަންޑުގެ އެހީއަށް އެދިއްޖެ


މެލޭޝިއާ އެއަރލައިންސް ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް މެލޭޝިއާގެ ޕަބްލިކް ފަންޑް ޚަޒާނާ ނެޝަނަލްއިން އެހީ ދިނުމަށް އެދިއްޖެއެވެ.

މެލޭޝިއާ އެއަރލައިންސް ހިންގުމަށް އައު ޕްލޭނެއް އެކުލަވާލާފައިވާއިރު، އެ ޕްލޭންގެ ދަށުން އެ އެއަރލައިންނަށް ފައިނޭންސްކުރާ ފަރާތްތަކުގެ ރުހުން ނުލިބިއްޖެނަމަ އެއަރލައިން ހިންގުން ހުއްޓާލަންޖެހިދާނެކަމަށް މެލޭޝިއާ އެއަރލައިންސްގެ ސީއީއޯ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މެލޭޝިއާ އެއަރލައިންސް ބަނގުރޫޓުވިޔަނުދީ ހިފަހައްޓައި ކުންފުނި ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނީގެ ބެލެނިވެރި ކުންފުނި މެލޭޝިއާ އޭވިއޭޝަން ގްރޫޕުން ވަނީ މެލޭޝިއާގެ ޕަބްލިކް ފަންޑް ޚަޒާނާ ނެޝަނަލްއިން އެހީއަށް އެދިފައެވެ. މިކަމާއި ގުޅޭގޮތުން އެ އައަރލައިނުންވެސް އަދި ޚަޒާނާ ނެޝަނަލްއިންވެސް އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. މެލޭޝިއާ އެއަލައިންސްގައި މަސައްކަތްކުރާ ނަންހާމަކުރަން ބޭނުންނުވާ އޮފިޝަލަކު ވަނީ ޚަޒާނާ ނެޝަނަލްއިން 500 މިލިއަން ޑޮލަރުގެ އެހީއައެއް ހޯދުމަށް މެލޭޝިއާ އެއާލައިންސްއިން އެދިފައިވާކަމަށް ބުނެފައެވެ.

މެލޭޝިޔާ އެއަރލައިންސްއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މެލޭޝިއާ އެއަރލައިންސްގެ ސީއީއޯ އިޒްހާމް އިސްމާއިލް ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އެ އެއަރލައިންނަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުމާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ. މި ގެއްލުމުން އަރައިގަތުމަށް އިންވެސްޓަރުންގެ އިންވެސްޓްމަންޓް އިތުރުކޮށް، އެއަރލައިން ހިންގުުމަށް އައު ޕްލޭނެއް އެކުލަވާލައިގެން ނޫނީ މަސައްކަތްކުރެވެން ނެތްކަން އިޒްހާމް ފާހަގަކުރެއްވިއެވެ. އައު ޕްލޭންގެ ދަށުން އަމާޒު ހިފާފައިވަނީ ކުރިއަށްއޮތް ފަސް އަހަރުތެރޭގައި އެއަރލައިންގެ ބެލެންސް ޝީޓް ހަމައަކަށް އަޅުވާ، 2023 ވަނަ އަހަރާއި ހަމައަށް މެލޭޝިއާގެ އެތެރޭގެ އުދުހުންތަކާއި ދެކުނު އިރުމަތީ އޭޝިއާގެ އޮޕަރޭޝަންތައް ކުރިއެކޭ އެއްގޮތަށް ފެށުންކަން އިޒްހާމް ވިދާޅުވިއެވެ.

އިޒްހާމް ވަނީ ހިއްސާދާރުންގެ ރުހުން ނުލިބިއްޖެނަމަ އެއަރލައިން ހުއްޓާލަންޖެހުމުގެ ބިރު އެބައޮތްކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރު އޮތް ޕްލޭނަށް ހިއްސާދާރުން ނޫނެކޭ ބުނެފިނަމަ، ދެން އޮތްގޮތަކީ އެ އެއަރލައިންގެ އެއަރ އޮޕރޭޓަރ ސެޓްފިކެޓް އެހެންނަމަކަށް ބަދަލުކުރުން ނުވަތަ މެލޭޝިއާ އޭވިއޭޝަން ގްރޫޕްގެ ދަށުން ހިންގާ އެމްއޭ ސްވިންގްސް އަދި ފަޔަރ ފްލައިގެ އެއަރ އޮޕރޭޓަރ ސެޓްފިކެޓްގައި ދަތުރުތައް ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.