ވިޔަފާރި

ދިރާގުގެ އަހަރީ ދުވަހުގެ ހަދިޔާއަކަށް ކަސްޓަމަރުންނަށް ހިލޭ ޑާޓާ


ދިރާގުގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ދިިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ހަދިޔާއެއްގެ ގޮތުގައި ހިލޭ ޑާޓާ ދިނުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ މިއީ ދިރާގުގެ ކަސްޓަމަރުން ދިރާގު ޙިޔާރު ކުރައްވާ ކަމަށްޓަކައި، އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން، ދެވޭ ހަދިޔާއެއް ކަމަށެވެ. 

އެގޮތުން މޮބައިލް ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށްވެސް 1 ޖީބީގެ ހިލޭ ޑާޓާ ލިބިގެންދާއިރު، މޮބައިލް ޑާޓާގެ އެއްވެސް ޕްލޭނެއް އެކްޓިވޭޓް ނުކުރައްވާ ފަރާތްތަކަށްވެސް ހިލޭ ޑާޓާ ގެ މި ހަދިޔާ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ޓަޗްނެޓް ކަސްޓަމަރުންނަށް 5 ޖީބީ އާއި ހަމަޔަށް ހިލޭ ޑާޓާ ލިބިގެންދާއިރު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށްވެސް 10 ޖީބީ އާއި ހަމަޔަށް ހިލޭ ޑާޓާ ލިބޭނެ ކަމަށްވެެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ މި ހިލޭ ޑާޓާގެ ހަދިޔާ އޮކްޓޯބަރު މަހުގެ 7 ދުވަހުގެ ނިޔަލަށް ބޭނުން ކުރެވޭނެ ކަމަށެވެ.

މި ހަދިޔާގެ އިތުރުން، ދިރާގުގެ ފޭސްބުކް އަދި ޓްވިޓާ އެކައުންޓް ފޮލޯ ކުރައްވާ ފަރާތްތަކަށްވެސް، ވަރަށް ޙާއްސަ އިނާމެއް ހޯއްދެވުމުގެ ފުރުސަތު ދިރާގުންވަނީ ހުޅުވާލާފައެވެ. އެގޮތުން ދިރާގުގެ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިޔާގައި ކުރެވިފައިވާ ޕޯސްޓް ފޭސްބުކް ގައި ނަމަ ލައިކް ކުރާ ފަރާތްތަކާއި، އަދި ޓްވިޓާއިން ރީޓްވީޓް ކުރައްވާ ފަރާތްތަކުގެ ތެރެއިން އެއް ފަރާތަކަށް، ސެމްސަންގް ގެލެކްސީ އެސް 6 އެޖްގެ ފޯނެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.